ގދ ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވެ، ދަތުރުފަތުރު ކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކެއް ހުރުމާއި ގުޅިގެން އެއަރޕޯޓުގެ ޖެޓީގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގދ އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފިއެވެ.
ގދ އަތޮޅު ކައުންސިލުން މިއަދު ރައީސް ސޯލިހުއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ހުވަދު އަތޮޅު ދެކުނުބުރީ ކާޑެއްދޫ އެއަރޕޯޓަކީ ގދ އަދި ގއ ގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރަމުން ގެންދާ އެއަރޕޯޓެއް ކަމަށްވުމުން، އެއަރޕޯޓުގެ ޖެޓީ ވެއްޓި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވުމާއި ގުޅިގެން ހުވަދު އަތޮޅުގެ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް އެއަރޕޯޓުގެ ޖެޓީގެ މައްސަލައަށް ހައްލެއް ލިބޭނެގޮތް ހައްދަވައިދެއްވައި މިިމަސައްކަތުގެ އަޕްޑޭޓެއް އެކައުންސިލާއި ހިއްސާކޮށްދެއްވުމަށް އެދި ދަންނަވާ ކަމަށްވެސް، އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީގެ ބައެއް ވެއްޓި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ 21 ޖެނުއަރީ 2022 ގައެވެ. އެކަމާ ގުޅިގެން ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ބޭނުންކުރާ ފަރާތްތަކަށް ނުހަނު ގިނަ އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

