ކުށްކުރާ މީހުންގެ ސަބަބުން މާލެސިޓީގައި ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް "ވިޔަފާރިވެރިންގެ ފޯރަމް" ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.
ފުލުހުން ވިދާޅުވީ، އިސްކަންދަރު ބިލްޑިންގގައި އިއްޔެ ކުރިއަށްގެންދިޔަ މި ފޯރަމަކީ މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް، ކުށްކުރާ މީހުންގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެއް ކަމަށެވެ.
އެގޮތުން ފިހާރަތަކުން ކުރާ ވައްކަންތަކުގެ މައުލޫމާތު ހިއްސާކޮށް އަދި ވައްކަންކޮށްފައި ހުންނަ ގޮތްތައް މި ފޯރަމުގައި ކިިޔައިދީފައިވެއެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި، ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ރިކަވަރ ކުރެވިފައިވާ ތަކެއްޗާއި އެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިޔަ "ވިޔަފާރިވެރިންގެ ފޯރަމް" ގެތެރެއިން — ފޮޓޯ: ޕޮލިސް މީޑިއާ
މީގެއިތުރުން ފިހާރަތަކުން ކުރާ ވައްކަން ހުއްޓުވުމަށް ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަން ބުނެދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފިހާރަ ބަންދުކޮށްފައި ދާއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. މި ފޯރަމުގެ ތެރެއިން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ވިޔަފާރިވެރިން ގުޅިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހިޔާލުހޯދައި މަޝްވަރާކޮށްފައިވެއެވެ.

ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިޔަ "ވިޔަފާރިވެރިންގެ ފޯރަމް" ގެތެރެއިން — ފޮޓޯ: ޕޮލިސް މީޑިއާ
ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ފޯރަމުގައި މާލެ ސިޓީގެ ސްޓޭޝަންތަކުގެ ހެޑުންނާއި، ޔުނިޓު ހެޑުންނާ އަދި ޝިފްޓް އައިސީންގެ އިތުރުން 30 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ.