ދިވެހިބަހުގެ އަކުރުތައް ބޭނުންކޮށްގެން އެހެން މީހުންނަށް ކިޔަން ނޭނގޭނެ ގޮތަށް އަމިއްލަ ކޯޑުތަކެއްގެ އެހީގައި މުޢާމަލާތް ކުރެވިދާނެތޯ މިއީ އަޖުމަ ބަލާލުން ރަނގަޅު ކަމެކެވެ. ލަފުޒު ބޭނުންކުރާނެ ތަފާތު އަމިއްލަ އުޞޫލުތަކެއް ހަދައިގެން، ދިވެހި ބަހުން، ދިވެހި އަކުރު ބޭނުންކޮށްގެން ލިޔުނުކަމުގައި ވީނަމަވެސް، އެހެން މީހުންނަށް ކިޔަން ނޭނގޭ ގޮތަށް ބަސް ބޭނުން ކުރެވުމަކީ ނުވާނެ ކަމެއް ނޫނެވެ.
މަޝްހޫރު ދެކުނުގެ ހަމަނުޖެހުމުގައިވެސް، މިފަދަ ގޮތަކަށް އެހެން މީހުންނަށް ކިޔަން ނޭނގޭ ގޮތަށް ފިލި ނުޖަހައި ދިވެހި ބަހުން ސިޓީ ލިޔެއުޅުނު ކަމުގައި ވެއެވެ."ނަޖިޒުޗެޓޯޕް" އަކީވެސް މިފަދަ ގޮތަކަށް ދިވެހި ބަހުގެ ލަފުޒުތައް ވަކި ހަމަޔަކަށް ފައްތައިގެން ފިލިނުޖަހައި އެހެން މީހުންނަށް ކިޔަން ނޭނގޭ ގޮތަށް ބޭނުންކުރެވިދާނެ ގޮތެކެވެ.
ފިލި ނުޖެހި ކަމުގައި ވިޔަސް، ލަފުޒު އޮންނަ ގޮތަށް ބޭނުން ކޮށްފިނަމަ، ފަސޭހައިން ދެނެގަނެވެއެވެ. މިސާލެއްގެ ގޮތުން "ބއޕ" ފިލި ނުޖަހައި ލިޔުނަސް އެއީ "ބައްޕަ" ކަން ފަސޭހައިން އެނގެއެވެ. ނަމަވެސް "ނަޖިޒުޗެޓޯޕް" މިކޯޑު ބޭނުންކޮށްގެން ލިޔެފިނަމަ، އެކޯޑުތައް ނުދަންނަ މީހަކަށް ލިޔެފައިވާ އެއްޗެއް ދެނެގަންނަން ފަސޭހަ ނުވާނެއެވެ.
"ނަޖިޒުޗެޓޯޕް" މިކޯޑު ބޭނުންކޮށްގެން ލިޔަން ފެށުނުގޮތް:
އިންޓަނެޓް އަދި މޯބައިލް ފޯން، ތަޢާރަފްވެ ތަހުޒީބުވުމުގެ ކުރިން، ދިވެހިން މުޢާސަލާތުކޮށް އުޅުނީ ކަރުދާހުގައި ގަލަމުން ލިޔެ، ސިޓީ ބަދަލުކޮށްގެންނެވެ. އަދި އެއްރަށުން އަނެއް ރަށަށް ސިޓީ ބަދަލުކޮށް އުޅެފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ. އެއް ރަށެއްގައި އުޅުނު ކަމުގައިވިޔަސް، ބައްދަލުވެ ވާހަކަ ދައްކަން އުދަނގޫވާ ހާލަތްތަކުގައި، ސިޓީ ބަދަލުކޮށް މުއާމަލާތް ކުރުމަކީ، ކުރީގައި ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިގޮތުން ދިވެހި ލޯބިވެރިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދި އެއްޗަކަށް އެއްޒަމާނެއްގައި ސިޓީ ވިއެވެ.
ލޯބިވެރިޔާގެ މާނަފުން ބަސްތަކާއި، ސިފަކުރުންތަކާއި، އެއްފަދަ ކުރުންތަކުން ލިޔެލެވޭ ލޯބީގެ ސިޓީއެއްގައި ހުންނަ ލޯތްބާއި، ޖަޒުބާތު، އެ ފަށުވިކަން، މިޒަމާނުގައި، ފޯނުން ސޯޝަލް މީޑިޔާގެ ކޮންމެވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ފުނުވާ "އިމޮޖީ"އެއްގައި ނުހުންނަކަމަކީ ލޯބީގެ ސިޓީ ބަދަލުކޮށްފައިވާ މީހުން ދެކޮޅު ހަދާނެކަމެއް ނޫނެވެ.
ސިޓީއެއްގެ ޒަރީއާއިން ލޯބިވެރިން، އެމީހުންގެ ހިތުގައިވާ ހުރިހާ ލޯބީގެ އިޙްސާސްތަކެއް ލޯބިވެރިޔާއަށް ހާމަކޮށް ބަންޑުން ކޮށްލައެވެ. މިފަދަ ގޮތަކަށް އަމިއްލަ ހިތް ކިޔާލެވޭ ފޮތެއްހެން ލޯބިވެރިޔާއަށް ހުޅުވައި ހާމަކުރާއިރު، ދިމާވާ ވަރަށްބޮޑު މައްސަލައެއް އޮވެއެވެ. އެއީ، ކިތަންމެ މޮޅު އުރައެއްގައި ކިތަންމެ ރައްކާތެރިކޮށް ސިޓީ ބަންދުކުރިކަމުގައި ވިޔަސް، އެ ސިޓީ ލިބެންޖެހޭ މީހާ ނޫން އެހެން މީހެއްގެ އަތަށް ސިޓީ އަރައިފިނަމަ، އެމީހަކު، މުޅިދުނިޔެއަށް ބޭޒާރު ވީއެވެ. ހިތުގައި އުތުރިއަރާ ލޯބީގެ ޝުޢޫރުތައް ގިނަމީހުން، ލޯބިވެރިޔާ ނޫން އެހެން މީހަކަށް އެނގެން ބޭނުން ނުވެއެވެ.
"ނަޖިޒުޗެޓޯޕް" ވުޖޫދުވާން ޖެހުނު ހަޤީޤީ ސަބަބަކީ މިއެވެ. ލޯބިވެރިންގެ މެދުގައި ބަދަލުކުރާ ތަފާތު ސިޓީތައް އެހެން މީހަކަށް ފެނުނަސް، އެސިޓީ ލިބެންޖެހޭ މީހާ ނޫން އެހެން މީހަކަށް ކިޔަން ނޭނގޭ ގޮތަށް ދިވެހިލަފުޒު ބޭނުންކޮށްގެން ލިޔާނެ އުފެއްދުންތެރި ގޮތަކަށް "ނަޖިޒުޗެޓޯޕް" ވެއެވެ. "ނަޖިޒުޗެޓޯޕް" އަކީ، ހުވަދު އަތޮޅުގައި އަދި ތިނަދޫގެ ޒުވާނުން، ލޯބިވެރިންނަށް ލޯބީގެ ސިޓީ ލިޔުމަށް 90ގެ އަހަރުތަކުގެ ބޭނުންކޮށް އުޅުނު އުފެއްދުންތެރި ލިޔުމުގެ ވައްތަރަކެވެ. "ނަޖިޒުޗެޓޯޕް" އަކީ ސީދާ ކާކުގެ އުފެއްދުންތެރި ވިސްނުމެއްކަމެއް ނުވަތަ ފުރަތަމަ ބޭނުންކުރި ފަރާތެއް ސީދާ އެނގެން ނެތެވެ. ނަމަވެސް، މިކޯޑުބަހުން ފިލިނުޖަހައި ލިޔެފައި ހުންނަ ލިޔުން އެއްވެސް އުދަނގުލެއް ނެތި، ފަރިތަކަމާއެކު، ކިޔާލާ މީހުން އަދި، މިކޯޑުބަހުން ލޯބީގެ ސިޓީ ބަދަލުކުރި މީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ.
"ނަޖިޒުޗެޓޯޕް" ބޭނުންކުރާ ގޮތް:
"ނަޖިޒުޗެޓޯޕް" މިކޯޑަކީ، ދިވެހިން އަކުރު ބޭނުންކޮށްގެން ފިލި ނުޖަހައި ލިޔާ ލިޔުމުގައި ފިލިޖަހަން ބޭނުންކުރާ ސިއްރު ކޯޑެވެ. މިގޮތުން ލިޔުމުގައި ފިލީގެ ބަދަލުގައި މިއަކުރުތައް ބޭނުންކުރެއެވެ. ދެމޭފިލި އަންނަ ތަންތަނުގައި ދެފަހަރު މިއުސޫލުން މިއަކުރު ބޭނުން ކުރެއެވެ. މިކޯޑު ބޭނުން ކޮށްގެން ލިޔެފައިވާ ލިޔުންކޮޅެއްގެ މިސާލެއް ހިމަނާލަމެވެ.
- އޗއޖޖ ވނރނށޕ ހޒޒނޒ ގނދނ ދޒވނހޗކޗވޗ.
މިއީ ކޯޑު ބޭނުންކޮށްގެން ލިޔެފައިވާ ޖުމްލައެކެވެ. މިޖުމްލައިގައި ބުނާއެއްޗެއް ދަނެގަންނަން ފަސޭހައެއް ނޫނެވެ. ނަމަވެސް، "ނަޖިޒުޗެޓޯޕް" ކޯޑު އެނގޭނަމަ ޖުމްލަ ކިޔަލަން ފަސޭހައިން އެނގޭނެއެވެ. މިޖުމްލައިގައި އެވަނީ:
- އެއީ ވަރަށް ހޫނު ގަދަ ދުވަހެކެވެ.
ކޯޑުބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު، އަބަފިލީގެ ބަދަލުގައި "ނ"، އިބިފިލީގެ ބަދަލުގައި "ޖ"، އުބުފިލީގެ ބަދަލުގައި "ޒ"، އެބެފިލީގެ ބަދަލުގައި "ޗ"، އޯބޯފިލީގެ ބަދަލުގައި "ޓ" އަދި ސްކުނުގެ ބަދަލުގައ "ޕ" ވަނީ ބޭނުން ކޮށްފައެވެ. ދެމޭފިލީގެ ބަދަލުގައި ފިލިގޮތުގައި ބޭނުންކުރާ ދެއަކުރު ބޭނުންކުރުމުގެ އިތުރުން އޮބޮފިލީގެ ބަދަލުގައި "ޗޒ" އެއްކޮށް ބޭނުން ކުރެއެވެ. އިތުރު ޖުމްލައެއް ލިޔެލާނަމެވެ.
"ވަރަށް ލޯބިވޭ" މިޢިބާރާތް މިކޯޑުތައް ބޭނުން ކޮށްގެން ލިޔެލަމާތޯއެވެ.
- ވނރނށޕ ލޓބޖވޗޗ (މިއީ "ނަޖިޒުޗެޓޯޕް" ކޯޑު ބޭނުންކޮށްގެން "ވަރަށް ލޯބިވޭ" ލިޔެލާ ގޮތެވެ.)
ބަހެއް އަމިއްލަވަންތަ ތަފާތު ގޮތަކަށް ބޭނުންކުރަނެ ގޮތެއް އީޖާދުކުރުމަކީ ވަރަށްވެސް ހުނަރުވެރި ކަމެކެވެ. އަމިއްލަ ވަކި ޚާއްސަ ބަހެއް ނުވަތަ ލިޔާނެ ގޮތެއް އީޖާދުކޮށްގެން، އެހެން މީހުންނަށް ނޭނގޭ ގޮތަކަށް ލިޔެގެން ލޯބިވެރިންގެ މެދުގައި މެސެޖު ބަދަލުކުރުމަކީ ވެދާނެކަމެއްކަން މިމުޖުތަމަޢުގެ ކުރީގެ ޖީލުތަކުގެ ހުނަރުވެރި ބަޔަކުވަނީ ސާބިތުކޮށްދީފައެވެ. މިއީ ފަހުގެ ޖީލުތަކަށްވެސް ކުރެވިދާނެ އީޖާދީ ކަމެކެވެ.
ދިވެހިބަހުން ލިޔާނެ ފަސޭހަ ޒަމާނީގޮތެއް ނުވަތަ އުފެއްދުންތެރި އާވިސްނުމެއް މިފަދަ ގޮތަކަށް ހޯދިގެން ދިޔުމަކީ ބަސް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ. އުފެއްދުންތެރި އާވިސްނުން އިސްކޮށް، ތަފާތު ބޭރުބަސްބަހުގެ ބަދަލުގައި، މުޢާމަލާތްތަކުގައި ދިވެހި ބަސް އިސްކުރުމަކީ، ބަހަށް ލިބިގެންދާނެ ކުރިއެރުމެކެވެ. މޯބައިލް ފޯނުންވެސް، ދިވެހި ފޮންޓް ބޭނުންކޮށްގެން، ދިވެހިން ލިޔެން ހުންނައިރު، އިނގިރޭސި އަކުރުތައް ބޭނުންކޮށްގެން ލެޓިނުން ދިވެހި ލިޔަންޖެހޭ ސަބަބެއް ނެތެވެ.
"ނަޖިޒުޗެޓޯޕް" ކޯޑު ސިސްޓަމަކީވެސް އެހެން މީހުންނަށް ނޭނގޭ ގޮތަށް ދިވެހި ބަހުން ލިޔެވިދާނެ އުފެއްދުންތެރި ގޮތެކެވެ. މިއީ ހުވަދު އަތޮޅަށް ނިސްބަތްވާ، އަހަރަމެންގެ ކާބަފައިންގެ ތެރެއިން، އޭރުގެ ބައެއް ހުނަރުވެރި ޒުވާނުންގެ ލޯބީގެ ގުލްޝަނަށް އުޖާލާކޮށްދިން އެމީހުންގެ އަމިއްލަ އުފެއްދުމެކެވެ.
އަމިއްލަ މާދަރީ ބަހާއި ގުޅިފައިވާ މިފަދަ އުފެއްދުންތެރި ތަފާތު ކަންކަން ފަހުގެ ޖީލުތަކަށް ފޯރުކޮށްދީ، މިފަދަ އާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލުމަކީ، މިލިޔުމުގެ މަޤްސަދެވެ. މިލިޔުން ލިޔެފައި ވަނީ، ޒުވާން އުމުރުގައި، "ނަޖިޒުޗެޓޯޕް" ކޯޑުބަހުން، ތަފާތު ގިނަ ލޯބީގެ ސިޓީތަކެއް ލިޔުނު މީހެއްގެ ފަރާތުން މަޢުލޫމާތު ހޯދައިގެންނެވެ.

