އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާ، އުމުރުން 64 އަހަރުގެ އެމެރިކާގެ އަންހެނަކު، ދެވުނު ފަރުވާއިން، ބަލި ފަސޭހަވެ، ފުރަމަ ފަހަރަށް އޭޑްސްބަލި ކާމިޔާބުކަމާއެކީ ހަށިގަނޑުން ނައްތާލެވި ފަރުވާ ދެއްވިއްޖެއެވެ. އެއިޑްސް ބަލި ނުވަތަ އެއިޑްސް ބަލި ޖައްސާ ވައިރަސް ކަމުގައިވާ ހިއުމަން އިމިއުނޯ ވައިރަސް (އެޗްއައިވީ ވައިރަސް) އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ.
1980ގެ އަހަރުތަކުގައި ފެތުރެން ފެށި މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 36 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފާއިތުވީ ހަފްތާގައި، މެޑިކަލް ކޮމިއުނިޓީން ކުރިޔަށް ގެންދެވުނު އެޗްއައިވީގެ ކާމިޔާބު ފަރުވާއާއި އެކު، 64 އަހަރުގެ އެމެރިކާގެ އަންހެނަކު މިނުރައްކާތެރި އެއިޑްސް ބަލިން ސަލާމަތްވުން ވެގެންދަނީ އުފާފާޅުކުރުން ހައްގު މަސައްކަތަކަށެވެ. އެމެރިކާއަށް އުފަން މިއަންހެންމީހާ ވެފައިވަނީ އެއިޑްސް ބަލިން ސަލާމަތްވި 3 ވަނަ މީހާ އަދި އެއިޑްސް ބަލިން ޝިފާ ލިބުނު ފުރަތަމަ އަންހެންމީހާ އަށެވެ. ފަރުވާގެ ފަހުން އެއިޑްސް ބަލީގެ އެއްވެސް ނިޝާނެއް މިހާތަނަށް އަދި ފެނިފައި ނުވެއެވެ.
ރޮއިޓާސްގެ ރިޕޯޓްތައް ބުނާގޮތުން، ލޭގެ ކެންސަރު ޖެހިފައިވާ މިއަންހެންމީހާ އެއިޑްސްއާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުވެގެން ގޮސްފައިވަނީ، މިބަލި ޖައްސާ އެޗްއައިވީ ވައިރަސް އާއި ދެކޮޅަށް ޤުދުރަތީ ގޮތުން މަސައްކަތްކުރާ، ބަލިން ދިފާއުވުމުގެ ބާރު ލިބިފައިވާ ޑޯނަރެއްގެ ހަށިގަނޑުން ސްޓެމް ސެލް ނަގައިގެން ޓްރާންސްޕްލާންޓް ކޮށްގެންނެވެ.
އިންޓަރނޭޝަނަލް އެއިޑްސް ސޮސައިޓީގެ އިންތިޚާބީ ރައީސް ޕްރޮފެސަރ ޝެރޯން ލެވިން ޓެލެގްރާފަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވާގޮތުގައި، އެއިޑްސްގެ ފަރުވާއެއް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް އަދިވެސް ގިނަ އަހަރުތަކެއް ނަގާނެކަމަށެވެ. ޕްރެފެސަރ ފާހަގަކޮށްފައިވާގޮތުގައި، މިއަންހެންމީހާ އަކީ އެއިޑްސް ބަލި އެއްކޮށް ފަސޭހަވި 3 ވަނަ މީހާ ކަމުގައެވެ. މީގެ ކުރިން 2 ފިރިހެނަކުވެސް، މިފަރުވާއިން، އެއިޑްސް ބަލިން ފަސޭހަވެފައި ވެއެވެ. ނަމަވެސް، އެއިޑްސް ބަލިން ފަރުވާދެވި، ބަލިން ފަސޭހަވި ފުރަތަމަ އަންހެނަކަށް މިއަންހެންމީހާ ވެގެންދާކަމުގައި ޕްރޮފެސަރ ބުނެއެވެ.
އެއިޑްސް ބައްޔަށްވެސް ދާއިމީ ހައްލަކަށްވެ، ދާއިމީ ފަރުވާއަކަށް ވާނީ ވެކްސިން ކަމުގައި ޕްރޮފެސަރ ލެވިން ވިދާޅުވެއެވެ. ނަމަވެސް، އެއިޑްސް ބައްޔަށް ފަރުވާއެއް ހޯދައި، ވެކްސިނެއް ތައްޔާރުކުރުން ވަނީ ވަރަށް ދުރުގައި އޮތްކަމެއްގެ ގޮތުގައި ޕްރޮފެސަރ ފާހަގަކުރެއްވިއެވެ.

