ހޯނޑެއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކޮށްދޭނޭ ފަރާތެއް ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލް އިން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކޮށްދޭނޭ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ހޯނޑެއްދޫ ކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހޯނޑެއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ހޯނޑެއްދޫ ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެކަމަށެވެ.
ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މާރިޗު މަހުގެ 01 ވަނަ ދުވަހުގެ 12:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 12:00 އާއި ދެމެދު ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގެ ރިސެޕްޝަންގައިކަމަށެވެ.
މީގެ އިތުރުން އެ އިލާނުގައި ބުނެފައިވަނީ ރެޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެ ކަމަށެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން އީމެއިލް ފޮނުއްވާނީ އެ ކައުންސިލްގެ info@gdhhc.gov.mv މެއިލް އަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 03 މާރިޗު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން info@gdhhc.gov.mv އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. އަދި މި މަސައްކަތުގެ ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު 07 ވަނަ ދުވަހުގެ 13:15 ގައި ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައި ކަމަށް ހޯނޑެއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
