ގދ ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމަސައްކަތްކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އާރްޑީސީއިން ބުނީ، ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ކާބްސްޓޯން ކާސްޓް ކުރުމުގެ މަަސައްކަތް ކަމަށެވެ.
މިމަޝްރޫއުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަގަކީ 78.8 މިލިއަން ރުފިޔާއެވެ.
މިމަޝްރޫއުގެ ދަށުން ތިނަދޫގައި ޒަމާނީ ފެންވަރަށް 15 މަގެއް ތަރައްގީކުރެވިގެންދާނެއެވެ. އަދި މިމަޝްރޫއުގެ ދަށުން މަގުބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު، ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އާރްޑީސީއިން ބުނެއެވެ.

