ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާއިން ނިންމުމުން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
ދޮންބާސްގެ ދޮންޔެސްކާއި ލުހާންސްކުންވަނީ 2014ވަނަ އަހަރުގެ ތެރޭގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ. އަދި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށް އެންމެ ފުރަތަމަ އެދިފައިވަނީ ރަޝިޔާގެ ކިބައިންނެވެ. ޔޫކްރެއިނުގެ ފައުޖުތަކާއި ދޮންބާސްގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ދޮންޔެސްކާއި ލުހާންސްކުގެ މިނިވަންކަން ޤަބޫލުކުރެއްވުމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނަށް ހުށަހަޅުއްވައިފައެވެ.
އަދި ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ފާއިތުވި ދުވަސްތަކުގައި ދޮންޔެސްކާއި ލުހާންސްކުން 61،000އަށްވުރެ ގިނަ މީހުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް އެތެރެވެފައެވެ. އެއާއެކު ޕުޓިންވަނީ ދޮންޔެސްކާއި ލުހާންސްކުގެ އެންމެ އިސްވެރިންގެ ޙާޒިރުގައި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޤަރާރެއްގައި ސޮއިކަރައްވައިފައެވެ.
ރަޝިޔާގެ ނުފޫޒުގެ ދަށަށް ދޮންބާސް ގެނައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އެ ގޮތުން ރަޝިޔާއާ ދެކޮޅަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ އެމެރިކާއިންނެވެ. އެ ޤައުމުންވަނީ ދޮންބާސާ އެއްވެސް ވިޔަފާރީގެ މުޢާމަލާތްތަކެއް ނުކުރުމަށާއި އެ ސަރަޙައްދުން އެއްވެސް މުދަލެއް އެތެރެނުކުރުމަށް އެމެރިކާގެ ވިޔަފާރިތަކަށް އަންގައިފައެވެ.
އެ ގޮތުން އެމެރިކާއިން ބުނެފައިވަނީ ދޮންބާސަށްފަހު ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެކަމަށާއި ދޮންބާސަކީ ފެށުމެއްކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ ފަރަންސޭސިވިލާތާއި ޖަރުމަންވިލާތް ހިމެނޭހެން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ގުޅިގެން ރަޝިޔާއަށް ފިޔަވަޅުއަލަން އެއްބަސްވެފައިވާކަމަށެވެ.
ރަޝިޔާއާ ދެކޮޅަށް އެންމެ ވަރުގަދަ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައިވަނީ ޖަރުމަންވިލާތުންނެވެ. އެ ގޮތުން ޖަރުމަންވިލާތުންވަނީ ރަޝިޔާއިން ވިލާތަށް ގޭސް ގެންދިޔުމަށް އަޅާފައިވާ ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމައިފައެވެ. އެ ގޭސް ހޮޅިވަނީ ރަޝިޔާއިން ޖަރުމަންވިލާތާ ހަމައަށް އަޅައި ނިންމައިފައެވެ. އަދި އެ ހޮޅި ބޭނުންކުރުމުގެ ޙުއްދަ ނުދިނުމަކީ ރަޝިޔާއާ ދެކޮޅަށް ވިލާތުން އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.
ހުޅަނގުގެ ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ރަޝިޔާއިން ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކަކީ އެ ޤައުމަށް އައު ކަމެއް ނޫންކަމަށާއި އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށްށެވެ. އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާއި އެފަދަ ފިޔަވަޅުތައް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށްވެސް އެ ޤައުމުން ބުނެއެވެ.

