ލޯބިވާ މީހަކާއި ގުޅުން ކަނޑާލުމަކީ އެއްވެސް ގޮތަކަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ބައެއް ހާލަތުގައި، ހިތާއި ދެކޮޅަށް ކިތަންމެ ލޯބިވިޔަސް، ރަނގަޅު މުސްތަޤުބަލެއް ހޯދުމަށް ބައެއް ގުޅުންތަށް ކަނޑާލުން ބުއްދިވެރިއެވެ. ޚާއްސަކޮށް، ތަފާތު އެކިފަހަރުމަތިން، އެގުޅުމެއް ދެމެހެއްޓުމަށް ތަފާތު މަސައްކަތް ކުރި ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބުމަކީ، އެގުޅުމެއް ކަނޑާލަންޖެހޭ ސަބަބެއްވެސް މެއެވެ. ހަޤީޤަތަކީ، ކޮންމެ ގުޅުމަކީ އޭގެ ޒާތުގައި އެންމެ ރަނގަޅު ގުޅުމަކަށް ނުވެ ހިގައިދާނެއެވެ. ކޮންމެ މީހަކީ ދިރިއުޅުމުގައި ފުރަތަ ލޯބީގެ ގުޅުން ކާމިޔާބު ކުރެވުމުގެ ނަސީބު ލިބޭ މީހަކަށް ނުވެދާނެއެވެ.
ބައެއް ހާލަތްތަކުގައި ކަންތައް އަމިއްލަޔަށް ބޭނުންވާގޮތަށް ނުވެއެވެ. އަދި އަމިއްލަޔަށް ކިތަންމެ ބާރު އެޅިނަމަވެސް، ބައެއް ހާލަތުގައި ކާމިޔާބު ނުވެދެއެވެ. ތަފާތު ގޮތްނޭނގޭ ގުޅުމެއްގައި އަމިއްލަޔަށް ބަދެވި، އެގުޅުން ކުރިޔަށް ގެންދެވޭނެކަމުގެ މާބޮޑު އުއްމީދެއް ނެތްނަމަ، އެގުޅުމެއް މެދުކަނޑާލައި، އެފަދަ ގުޅުމުން މިންޖުވުން ބުއްދިވެރިކަމުގައި ފެނެއެވެ.
މިފަދަ ހާލަތްތަކުގައި، ވީއެންމެ އަވަހަކަށް، އެފަދަ ގުޅުމަކުން މިންޖުވުމަށް މަސައްކަތް ކުރުމަކީ، ކާމިޔާބު މުސްތަޤުބަލެއްގެ ބިންގާ އެޅުމަށް އެޅިދާނެ މުހިންމު ފިޔަވަލެކެވެ. މިލިޔުމުގައި ތަފްޞީލްކުރެވިފައިވާ ފަދަ ސިފަތަކެއް ތިބާގެ ގުޅުމުން ފެންނަނަމަ، އެއީ އެގުޅުމެއް ހުއްޓާލުން ބުއްދިވެރިއެވެ.
އެކުގައި އުޅެވޭނެކަމަށް ޝައްކުވުން
ބައިވެރިޔާއާއި ދެމެދުމުގައި ތަފާތު މައްސަލަތަށް ކުރިމަތިވެ، ތަފާތު ކުދި ކުދި ކަންކަމުގައިވެސް އަބަދު ޒުވާބުކުރަންޖެހޭނަމަ، މިއީ ވިސްނަންޖެހޭ ކަމެކެވެ. ރުޅިއަންނަ ކޮންމެ ފަހަރަކު، ބައިވެރިޔާ ތިބާއަށް އިހްތިރާމް ކުޑަވާގޮތަށް އަމަލުކުރުމަކީވެސް އެގުޅުމެއް ކުރިޔަށް ނުދާނެކަމުގެ ނިޝާނެކެވެ.
ހާސްކަން ބޮޑުވެ، ނުތަނަވަސްކަން ކުރިމަތިވުން
ބައިވެރިޔާގެ ސަބަބުން، ހިތަށް ފިނިކަން އަދި ހިތްހަމަޖެހުން ލިބުމުގެ ބަދަލުގައި ހާސްކަން ބޮޑުވެ، ނުތަނަވަސްކަން ކުރިމަތިވުމަކީ އެގުޅުމެއް ކުރިޔަށް ގެންދިޔުން ރަނގަޅު ނޫންކަން އަންގައިދޭ ނިޝާނެކެވެ.
ބައިވެރިޔާގެ އިތުބާރު ގެއްލުން
ތަފާތު އެކިފަހަރުމަތިން، ތިބާއަށް ބައިވެރިޔާ ދޮގުހަދާކަން ފަޅާއަރައި، އަދި ތަފާތު އެކިފަހަރުމަތިން، ތިބާއަށް ބޭވަފާތެރި ވެފައިވާކަން އެނގޭހިދުވެސް، އިސްލާހު ވާނެކަމަށް ވިސްނައިގެން ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ބުއްދިވެރިގޮތެއް ނޫނެވެ. މިއީ އެފަދަ ބައިވެރިޔާއަކާއި ގުޅުން ކަނޑާލަންޖެހޭ
ބައިވެރިޔާއާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނޭނގުން
ބައިވެރިޔާއާއި ގުޅޭގޮތުން އެއްޗެއް ބުނަން ފުރުޞަތު މީހަކު ދީފިނަމަ، ދައްކާނެ ވާހަކައެއް ނުވަތަ ބުނާނެ އެއްޗެއް ނޭނގުމަކީ ގުޅުން ރަނގަޅު ނޫންކަން އަންގައިދޭ ނިޝާނެކެވެ. ބައިވެރިޔާގެ ފަރާތުން ފެންނަ ރަނގަޅު ސިފައެއް ނުވަތަ ބައިވެރިޔާއި މެދު ފަޚުރުވެރިވާ ނުވަތަ ޝުކުރުވެރިވާ އެއްވެސް ސަބަބެއް ނެތްނަމަ، އެއީ ބައިވެރިޔާ އާއި ގުޅުން ކަނޑާލަންޖެހޭ ވަގުތެވެ.
ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގެ އިންތިޒާރުކުރުން
އުފާވެރިކަން ނުވަތަ ދިރިއުޅުމުގައި އެއްވެސް ހަމަޖެހުމެއް ނެތިފައި ވީނަމަވެސް، އުފާވެރި ދުވަސްތައް ކޮންމެވެސް ދުވަހަކުން އަންނާނެކަމުގެ އުއްމީދުގައި މުޅި ދިރިއުޅުން ހޭދަކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ތިބާ އަމިއްލަޔަށް ސުންގަޑިތަކެއް ކަނޑައަޅައި އެވަގުތާ ހަމަޔަށް ދިރިއުޅުމަށް ބަދަލެއް ނުވާނަމަ ގުޅުން ނިމުމަކަށް ގެންނާނެ ކަމަށް އަމިއްލަ ނަފްސަށް އަބަދު ވެސް ބުނެދިނުން ރަނގަޅުކަމުގައި ފެނެއެވެ. ހަމަޖެހުމެއް އަންނާނެކަމުގައި އިންތިޒާރުގައި ދިރިއުޅުން ނަގާލުން ބުއްދުވެރިއެއް ނޫނެވެ.
ތަފާތު ކުދިކުދި ކަންކަމާއި ޖަދަލުކުރުން
ކޮންމެ ގުޅުމެއްގައިވެސް ކޮންމެވެސް ވަރަކަށް ބަހުސްކުރުން އޮވެއެވެ. ނަމަވެސް، ދެބަސްވުމާއި، ޖަދަލުކުރުން ގިނަވެފައި، މިއީ އާންމުކަމަކަށް ވެފައިވާނަމަ، އެއީ ވިސްނަންޖެހޭ ކަމެކެވެ. ތާފާތު ކުދިކުދި ކަންކަމުގައި ބައިވެރިޔާ ތިބާއާއި ޖަދަލުކޮށް، ޒުވާބުކުރުން ގިނަވާނަމަ، މިއީ ތިބާއަށް އަންނަ ނުރައްކާތެރި އިންޒާރެކެވެ. ތިބާގެ ގުޅުމުގެ ސަބަބުން، ލިބޭ ހިތްހަމަޖެހުމަށްވުރެ، ބޮޑަށް ހާސްކަމާއި، ނުތަނަވަސްކަން ކުރިމަތިވާނަމަ، އެއީ ގުޅުން ކަނޑާލަންޖެހޭ ވަގުތެވެ.
ތާއަބަދު ކަރުނަ އަޅަންޖެހުން
އެގުޅުމެއްގެ ސަބަބުން ތިބާ އަބަދު ކަރުނަ އަޅަން ޖެހިފައިވާ އަދި، ތިބާއަށް ތަފާތު ފުން ހިތާމަ ކުރިމަތިވާކަން އެނގޭ ހިސާބުން ގުޅުން ކަނޑާލަންޖެހެއެވެ.
ބައިވެރިޔާއާއި އެކުގައި ވަގުތު ހޭދަކުރާ ހިތް ނުވުން
ބައިވެރިޔާއާއި އެކުގައި ވަގުތު ހޭދަކުރާ ހިތް ނުވުމަކީ، އެގުޅުމަކަށް ތިބާގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން ދައްކުވައިދޭ ނިޝާނެކެވެ. ބައިވެރިޔާ އާއި އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކީ، ތަގާތު ޒުވާބުކުރުމާއި، ނުތަނަވަސްކަން ތިބާއަށް ކުރިމަތިވާ ކަމެއްގެ ގޮތުގައި ފެންނަ ނަމަ، އެގުޅުމަކުން މިންޖުވުމަކީ، ތިބާއަށް އެންމެ ރަނގަޅުގޮތެވެ.
ގުޅުމެއްގެ މައިގަނޑު ބޭނުމަކީ އެކަކު އަނެކެއްގެ ދިރިއުޅުމަށް، އުފަލާއި ހިތްހަމަޖެހުން ގެނުވައި، ލޯތްބާއި، އަޅާލުން އަދި އޯގާތެރިކަން އިސްކޮށް، އުފާވެރި ހަޔާތެއް ކަޑައްތުކުރުމެވެ. އެގުޅުމެއްގެ ސަބަބުން މިފަދަ އެއްވެސް ކަމެއްގެ އިޙްސާސް ނުކުރެވޭ ނަމަ، އެގުޅުމެއްގައި މާބޮޑު ބުރަދަނެއް ނެތެވެ. އެފަދަ ގުޅުމެއް ދަމަހައްޓައި، އަމިއްލަ ދިރިއުޅުން އަމިއްލަ އަތުން ހަލާކުކުރުމުގެ ބަދަލުގައި، އެފަދަ ހާސްކަމަކުން މިންޖުވުން މާބުއްދިވެރިއެވެ.

