މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގުން ހާމަވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހު އިންޑިއާއިން ރާއްޖެ ފޮނުވަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށީ، އާމިނަތު ރަޝީދާ، 58، ހައްޔަރުކުރީ އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަތަނާ އެއަރޕޯޓުން މިދިޔަ އަންގާރަދުވަހުއެވެ.
އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ދިން ތިން ދުވަހުގެ މުއްދަތު ހަމަވުމުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް، 14 ދުވަސް ޖަހާފައެވެ.
އިންޑިއާގެ މީޑިއާތަކުން އެންސީބީއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އަންނައުނު ވިޔަފާރިކުރާ ރަޝީދައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހެއްކަން އެނގުމާއެކު، ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރެފައިވާ ކަމަށެވެ. އެ ލިޔުން ނެރުނީ ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައިގަ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.
މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

