ގދ.ގައްދޫގައި ވެކްސިން ސްޓޯރޭޖެއް ޤާއިމުކުރަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑް ވެކްސިންގެ ސްޓޯރޭޖްތައް ގދ.ގައްދޫ އާއި ށ.ކޮމަންޑޫގެ އިތުރުން ހުޅުމާލޭގައި ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކްގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢު މިއަހަރު ތެރޭގައި މަސައްކަތްތައް ޓެންޑަކޮށް ހަވާލުކުރެވޭނެއެވެ.
މީގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދާ ސިއްޚީ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު މިނިސްޓަރުވަނީ މަޖިލީހުގައި ހިއްސާކޮށްފައެވެ. އެގޮތުން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނާއި އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީއާއި، ޑޯޗާ ލޯނު އެހީއާއި، ސަރުކާރު ބަޖެޓުން ޚަރަދު ކޮށްގެން 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ތެރޭގައި ޓެންޑަ ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޔޫރަޕިއަން ޔުނިއަނުން ދީފައިވާ ލޯނު އެހީގެ ދަށުން ނޭޝަނަލް ހެލްތު ލެބޯރެޓަރީގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ޓެންޑަ ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

