މ. މުލަކު މަގުހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެރަށު ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޑް ކޯޕަރޭޝަން (އާރްޑީސީ) އިން ބައްދަލު ކުރައްވައިފިއެވެ.
އާރްޑީސީއިން ވިދާޅުވީ، މުލަކު ކައުންސިލާއި ބައްދަލުކުރައްވާފައިވަނީ، އެރަށުގެ މަގުހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފަހުން ވާންޖެހޭ ތައްޔާރީތަކާއި، އެމަސައްކަތް ފެށުމަށް ކައުންސިލުން ބޭނުންވާ އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގައި މުލަކުގެ 5 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. 05 އެޕްރީލް 2021 ވަނަ ދުވަހު ސޮއިކުރެވުނު މިމަސައްކަތް 420 ދުވަހުގެ ތެރޭ ނިންމަން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ، 106،230،722.25 މިލިއަން ރުފިޔާއަށެވެ.
މިމަޝްރޫއުގެ ދަށުން އެރަށުގައި ތަރައްގީކުރާ މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނިގެންދާނެއެވެ.
އާރްޑީސީއިން ގެންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އަދި މަގުހެދުމުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްވެސް އާރްޑީސީއިން ދަނީ ކުރަމުންނެވެ.

