މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުން ސްޕެޝަލިސްޓް މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ އެއްބަސްވުމެއްގައި މިއަދު މިއަދު ސޮއިކޮށްފިއެވެ.
އެއް އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ މިއެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.
ކަރެކްޝަނުން ވިދާޅުވި ގޮތުގައި މިފަދަ އެއްބަސވުމެއް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އާންމު ބަލިތައް ނޫން އެހެނިހެން ސިއްޚީ ބަލިތަކަށް ފަރުވާ ދިނުމުގައި އެމީހުން ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ފަރުވާ ފޯރުކޮށްދިނުމެވެ.
މިއެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ޖަލުތަކަށް ފޮނުވައިގެން ފަހަރަކު 20 މީހުންނަށް ފަރުވާދެވޭނެއެވެ.
ކަރެކްޝަނުން ހާމަކުރިގޮތުގައި މިއީ ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ޤައިދީންނަށް ވީހާވެސް ރައްކާތެރި ހާލަތުގައި ބޭސްފަރުވާގެ ނިޒާމު ޤާއިމުކުރުމަށް ލިބިގެންދާނެ ބޮޑު ލުއި ފަސޭހަކަމެކެވެ.

