ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް އުފުލައި މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓާފައިވަނިކޮށް ޝަރުތުތަކާއެކު ދެމަސްދުވަހަށް އޭނާ ދޫކޮށްލައިފިއެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ދައުވާ ވަނީ ޕެސްޓުގެ މައްޗަށް އުފުލާފައެވެ. މިދިޔައަހަރު އޭނާ ހައްޔަރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް އޭނާ ވަނީ ޝަކުވާކޮށްފައެވެ.
ޓޮންސިލްގެ މައްސަލައިގައި އެކަށީގެންވާ ފަރުވާ ކަރެކްޝަނުން ފޯރުކޮށްނުދޭކަމަށް ބުނެ ޝަކުވާ ކުރުމުން ދައުލަތުން ވަނީ އޭނާއަށް ފަރުވާދެމުންދާ ކަމުގެ ލިޔުންތައް ކޯޓަށް ހުށަހެޅުމަށްފަހު މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ޖަލު ބަންދުގައި ބަހައްޓައިދިނުމަށް އެދިފައެވެ.
އެހެންނަމަވެސް ކޯޓުން ނިންމީ ވަކި ޝަރުތުތަކަކާއެކު ޕެސްޓު ދެމަސްދުވަހުގެ މުއްދަތަށް ދޫކޮށްލުމަށެވެ. އެގޮތުން މިހާރު ޕެސްޓުވަނީ ގެއަށް ބަދަލުކޮށްފައެވެ. އޭނާ ގެއަށް ބަދަލުކުރި ނަމަވެސް ބޭސްފަރުވާއަށް ނޫން އެހެން ގޮތަކަށް ބޭރަށް ނުދިޔުމަށް އޭނާއަށް ވަނީ އަމުރުކޮށްފައެވެ.
މިދިޔަ އަހަރު މާރޗްމަހު 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ޕެސްޓު ހައްޔަރުކޮށް އޭނަގެ މައްޗަށް 5 ދައުވާއެއް ވަނީ ދައުލަތުން އުފުލާފައެވެ.
ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:
- ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ
- ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ
މި ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

