ކައިވެނި ކުރުމަށްފަހު ކުރުން އެދެވިގެންވާ ޢަމަލުތަކާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
1. ވަލީމާ ބޭއްވުން
ވަލީމާ އަކީ ކައިވެނި އިޢުލާން ކުރުމަށްޓަކައި ބޭއްވޭ ޙަފްލާ އެކެވެ.
الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
"ވަލީމާ ގެ ޙުކުމަކީ ސުންނަތް މުޥައްކަދާ އެވެ. ނަބިއްޔާ ﷺ ، عبد الرحمن بن عوف އަށް ޙަދީޘްކުރައްވާ ވިދާޅުވި ފަދައިން ކަންބަޅިއެއް ކަތިލައިގެންވީނަމަވެސް އެވެ…. ވަލީމާ ބޭއްވުމަކީ ވާޖިބެއްކަމުގައި ބުނެވޭ ބަހަކީ ބާރު ލިބިގެންވާ ބަހެކެވެ. ސަބަބަކީ ރަސޫލާ ﷺ އެކަމަށް އަމުރުފުޅު ކުރައްވާ (أولم ولو بشاة) ޙަދީޘް ކުރެއްވި އެވެ. ފަހެ، އެއީ ވާޖިބުކަމެއްގެ ގޮތުގައި ބުނެފައިވާ ބަސްފުޅަކީ ބާރުލިބިގެންވާ ބަސްފުޅެކެވެ. އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކުން ވަލީމާ ބެއްވުން ހުއްޓެވެ."
2. ދެމަފިރިން އެކުގައި ކުރާ ސުންނަތް ނަމާދު
ދުވާލު އަދި ރޭގަނޑު ކަމުގައިވީނަނަވެސް ދެމަފިރިން އެކުގައި ސުންނަތް ނަމާދު ކުރުން ބަޔާންވެގެންވެ އެވެ. މާތް ނަބިއްޔާގެ ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުން ވާރިދުވެގެންވެ އެވެ. ރިވާޔަތުގައިވެއެވެ.
إذا دخلَ عليكَ أَهْلُكَ فصلِّ رَكْعتينِ ثمَّ سلَ اللَّهَ مِن خيرِ ما دخلَ عليكَ وتعوَّذ بهِ من شرِّهِ "ތިބާގެ ކައިވެނިކުރި ބައިވެރިޔާ ތިބާގެ ގާތަށް ވަންނަހިނދު، ދެ ރަކުޢަތް ނަމާދެއް ކުރާށެވެ، އަދި (ނަމާދަށްފަހުގައި) ތިބާ ގެ ބައިވެރިޔާގެ އެންމެހައި ހެޔޮކަމަށް އެދި ﷲ އަށް ދުޢާ ދަންނަވާށެވެ. އަދި ބައިވެރިޔާގެ ކިބައިގައިވާ އެންމެހައި ނުބައިކަންތައްތަކުން ރައްކާތެރި ކޮށްދެއްވުން އެދި ﷲ އަށް ދަންނަވާށެވެ."
މި ރިވާޔަތް ޞައްޙަ ކަމުގައި އިމާމް އަލް-އަލްބާނީ آداب الزفاف ގައި ޛިކުރު ކުރައްވާފައިވެ އެވެ.
ދަންނަ އެވެ! ފިރހެން މީހާ އިމާމެއްގެ ގޮތުގައި އަދި އަނބިމީހާ ފިރިމީހާ (އިމާމް) ގެ ފަހަތުގައި ހުރުން ހުއްޓެވެ.
އަދި އިމާމްވެ (ފިރިމީހާ)އަށް އިޤްތިދާވެ މި ދެރަކުޢަތް ނަމާދު ކުރާނީ އެވެ.
3. ނަމާދު ކުރުމަށްފަހު ދުޢާ ކުރުން
2 ވަނަ ނުކުތާގައި ބަޔާން ކުރެވުނު ނަމާދު ކުރުމަށްފަހު ފިރިމީހާ އަނބިމީހާ ދިމާލަށް އެނބުރި އަނބިމީހާގެ ނިތްކުރީގައި އަތްތިލަ އަޅައިގެން ހުރެ ދުޢާ ކުރުން ހުއްޓެވެ. ރިވާޔަތުގައިވެ އެވެ.
إذا تزوَّج أحَدُكم امرأةً أو اشترى خادمًا، فليقُلِ: اللهم إني أسألُك من خيرِها ، وخيرِ ما جُبِلَتْ عليه ، وأعوذُ بك من شرِّها ، وشرِّ ما جُبِلَتْ عليه
"ތިޔަބައިމީހުން ކުރެ މީހަކު އަންހެނަކާ ކައިވެނި ކޮށްފިހިނދު ނުވަތަ ޚާދިމެއް (އަޅެއް ގަނެފި ހިނދު) މިފަދައިން ދުޢާ ކުރުން ހުއްޓެވެ. اللَّهمَّ إنِّي أسأَلُكَ خيرَها وخيرَ ما جبَلْتَها عليه، وأعُوذُ بكَ مِن شَرِّها ومِن شَرِّ ما جبَلْتَها عليه "
މި ޙަދީޘް އިމާމް الألباني ޙަސަން ރިވާޔަތެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވެ އެވެ. ބައެއް ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ފައިދާ ތަކުގެ ތެރޭގައިވެ އެވެ. މި ދުޢާގައި ހިމެނޭ ލަފްޟު " وأعُوذُ بكَ مِن شَرِّها ومِن شَرِّ ما جبَلْتَها عليه " ކިޔުން އޮތީ ސިއްރުންނެވެ. ޔަޢުނީ : ކިޔާ މީހާގެ އަމިއްލަ ނަފްސަށް އިވޭ ގޮތުގައި އެކަންޏެވެ.
ބައެއް ރިވާޔަތްތަކުގައި ބަރަކާތް (ބަރަކާތް ލެއްވުމަށް އެދި) ދުޢާ ކުރާށެވެ. މިފަދައިން ޛިކުރުވެގެންވެ އެވެ.
4. ދެމަފިރިން އެއް ދާން ކުރުމުގެ ކުރިން ދުޢާ ކިޔުމެވެ.
(މި ދުޢާ އަކީ ކައިވެންޏަށް ފަހުގައި އެއްދާން ކުރުމާއި ގުޅިފައިވާ ދުޢާއެއް ނޫނެވެ. އެހެނަސް ކޮންމެވަޤުތެއްގައިވެސް އެއްދާން ކުރުމުގެ ކުރިން ކިޔާ ދުޢާއެއްގެ ގޮތުގައިވެ އެވެ.)
ابن عَبَّاس رضي الله عنهما ވިދާޅުވި އެވެ. رسُولُ اللَّه ﷺ ޙަދީޘް ކުރެއްވި އެވެ.
(لَـوْ أَنَّ أَحَدَهُـمْ إِذَا أَرَادَ أَنْ يـَأْتِيَ أَهْلَـهُ قـَالَ بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا، فـَإِنَّهُ إِنْ يُـقَدَّرْ بَيْنَـهُمَا وَلَـدٌ فِـي ذَلِـكَ لـَمْ يَـضُرَّهُ شَـيْطَانٌ أَبــَدًا)
البخاري 6388 ومسلم 1434
"ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވާ ހިނދު، بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا (މި ޛިކުރު) ކިޔައި އެ ދެމީހުންނަށް ދަރިއަކު ލިބުމަށް މިންވަރުކުރައްވައިފި ކަމުގައިވާނަމަ، ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަށް ގެއްލުމެއް ނުދެވޭނެ އެވެ." العلّامــة ابن عُثيمين رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : އަންހެންމީހާ މި ޛިކުރު ކިޔުންވޭ ހެއްޔެވެ؟
ޖަވާބު : ނޫނެކެވެ. ޙަދީޘްގެ މާނައިން ދޭހަވަނީ މި ޛިކުރު ކިޔުންއޮތީ ފިރިހެންމީހާއަށް ކަމަށެވެ. (އަދި ބުނަމެވެ.) ސަބަބަކީ ދަރިފުޅު އުފެދެނީ ފިރިހެންމީހާގެ ފެނުންނެވެ. ފަހެ، ވުމާއެކު މިއީ ފިރިހެން މީހާއަށް ޚާއްޞަވެގެންވާ ޛިކުރެކެވެ." شـرح صـحيح المسلم ٣١/٥
العلّامــة الامـام الالبـاني رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : މި ދުޢާ ކިޔުމަށް ހަނދާންނެތިއްޖެ މީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : އަބަދުވެސް ދުޢާ ކިޔުމަށް ފަރުވާތެރިވެ ހަނދާންބަހައްޓައި ދުޢާކުރާމީހާ، ދުޢާ ކުރުމަށް ހަނދާންނެތުނު ކަމުގައިވީނަމަވެސް، އަހަރެންނަށް ބުރަވެވެނީ (ދުޢާ ކިޔުމަށް ފަރުވާކުޑަ ކުރާ މީހާއާ ޚިލާފަށް) އޭނާގެ އަނބިމިހާއާ ޖިމާޢު ވުމުގައި ޝައިޠާނާ ބައިވެރި ވުމުން ﷲ އެބައިމީހުން ރައްކާތެރި ކުރައްވާނެ ކަމެވެ. މި ޙުކުމް އޮތީ ޢާންމުކޮށް ކަން ހިނގާގޮތުގެ މައްޗަށެވެ."
5. އަނބިމީހާއާ އެއްފަހަރު ޖިމާޢު ވުމަށްފަހު، ދެވަނަ ފަހަރަށް ޖިމާޢުވާނަމަ އެ ދެމެދުގައި ވުޟޫއެއް ކުރުން ސުންނަތުގައި ވާރިދުވެގެންވެ އެވެ. އެންމެ އެދެވިގެންވާ ގޮތަކީ ހިނައިގަތުމެވެ.
އިމާމް مسلم ޞަޙާބީ أبو سعيد الخدري ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (إذا أتَى أحَدُكُمْ أهْلَهُ، ثُمَّ أرادَ أنْ يَعُودَ، فَلْيَتَوَضَّأْ. زادَ أبو بَكْرٍ في حَديثِهِ: بيْنَهُما وُضُوءًا) "ތިޔަބައިމީހުންކުރެ މީހަކު އެމީހާގެ އަނބިމީހާއާ އެއްދާން ކުރުމަށްފަހު (ޖިމާޢު ވުމަށްފަހު)، ދެވަނަ ފަހަރަށް ޖިމާޢުވާން ބޭނުންވެއްޖެހިނދު ވުޟޫއެއް ކުރާހުށި ކަމެވެ."
6. ޖިމާޢުވުމަށްފަހު ނިދުމުގެ ކުރިން ހިނައިގަތުން ނުހަނު ބޮޑަށް އެދެވިގެންވެ އެވެ. ހިނައި ނުގަންނަނަމަ ނަމާދަށް ވުޟޫ ކުރާ ފަދައިން ވުޟޫ ކުރުން ހުއްޓެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عائشة أم المؤمنين ވިދާޅުވެފައިވެ އެވެ.
(كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا أرَادَ أنْ يَنَامَ، وهو جُنُبٌ، غَسَلَ فَرْجَهُ، وتَوَضَّأَ لِلصَّلَاةِ)
"ރަސޫލާ صَلَّى اللهُ عليه وسلَّمَ ޖުނުބެރި ހާލުކޮޅުގައި ހުންނަވައި އަވަހާރަފުޅު ލެއްޕެވުމަށް ބޭނުންފުޅުވެއްޖެހިނދު، ފަރުޖު ދޮންނަވަ އެވެ. އަދި ނަމާދަށް ވުޟޫ ކުރައްވާފަ ފަދައިން ވުޟޫ ކުރައްވަވަ އެވެ." މި ޙަދީޘް އިމާމް البخاري ރިވާ ކުރެއްވި އެވެ.
7. ކައިވެނިކޮށް އަނބިމީހާއާ އެއްދާން ކުރުމަށްފަހު، ވިދިގެން އަންނަ ދުވަހުގައި ކުރުމަށް ބަޔާންވެގެންވާ ޢަމަލެއްގެ ގޮތުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ޢަމަލެއްވެ އެވެ. އެއީ އަނބިމީހާ އެކުގައި ޢާއިލާ ގާތް ތިމާގެ މީހުންނަށް ޒިޔާރަތް ކުރުމެވެ.
އިމާމް الألبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. "އަނބިމީހާ އެއްދާން ކުރުމަށްފަހު ވިދިގެން އަންނަ ދުވަހުގެ ހެދުނުގައި އޭނާގެ ގެއަށް ޒިޔާރަތް ކުރުމުގައިވާ ގާތްތިމާގެ ފަރާތްތަކަށް އަނބިމީހާ އެކުގައި ދިއުންވެ އެވެ. އަދި އެފަރާތްތަކަށް ސަލާމްކޮށް ދުޢާ ކޮށްދިނުންވެ އެވެ…"
8. ކައިވެނި ކުރުމަށްފަހު، އަނބި މީހާގެ ހަށިގަނޑާއި އަދި އެއްދާން ކުރުމުގައި ކުރެވޭ ޢަމަލުތައް އަދި ފިރިމީހާގެ ހަށިގަނޑާއި އަދި ޢަމަލުތައް ދެމަފިރިންނަށް ފާޅުވެގެންދެ އެވެ. ފަހެ، މިފަދަ އެއްވެސް ސިއްރެއް ހާމަކޮށް ފާޅުކުރުމަކީ އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (إن من أشر الناس عند الله منزلة يوم القيامة الرجل يفضي إلى المرأة وتفضي إليه ثم ينشر سرَّها)
"ފިރިހެނާ އޭނާގެ އަންހެނުންނާ ވަކިވެ އަދި އަންހެނާ އޭނާގެ ފިރިމީހާ އެކުގައި ވުމަށްފަހު (ޖިމާޢުވެ، އެއްދާންކޮށް) އަންހެންމީހާގެ ސިއްރުތައް ފާޅުކުރާމީހާ އަކީ ޤިޔާމަތް ދުވަހުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ނުބައިކަން ބޮޑުވެގެންވާ މީހުންގެ ތެރެއިންވާ މީހެކެވެ."
صحيح مسلم 1437
ދަންނަހުއްޓެވެ! މިއީ މިއަދު، ހުޅަގުގެ ޢާދަތައް ފެތުރި، ކާފަރުންގެ އިންސާނިއްޔަތުގެ އަޚްލާޤާއި އަދަބުތަކުން ބޭރުވެފައިވާ މުޑުދާރު ޢަމަލުތަކެވެ. މިފަދަ ޢަމަލުތައް ފާޅުކޮށް އަދި އޭގެ އިތުރަށް ދެމަފިރިން ޞޫރަކުރުން ފަދަ ކަންތައްތަކެވެ. ފަހެ، މުސްލިމުން މި ޢަމަލުތަކުގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ. ﷲ ގެ ޙަޟުރަތުގައި ތިމާ ކޮޅަށް ހުންނަން ޖެހޭނެ ދުވަހުގެ މައްޗަށް ހަދާންކޮށް ނަފްސަށް އިންޒާރު ލިބިގަތުން ހުއްޓެވެ.
9. އަނބިމީހާގެ ފުރަގަސްފަރާތް ބޭނުން ކުރުން އަބަދާ އަބަދަށް ޙަރާމްވުމެވެ.
އަދި ޙައިޟުގައިވާ އަނބިމީހާގެ ކުރިމަތި ފަރާތް ޙައިޟުގެ މުއްދަތުގައި ބޭނުން ކުރުން ޙަރާމްވެގެންވުމެވެ. އެއްވެސް ޙާލެއްގައި އަދި އެންމެހައި ދަނޑިވަޅެއްގައި އަންހެން މީހާގެ ފުރަގަސް ފަރާތް އެއްވެސް ގޮތަކަށް ބޭނުން ކުރުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. އަބަދުގެ އަބަދަށް ޙަރާމްވެގެންވާ ޢަމަލެކެވެ.
ޙަދީޘްގައިވެ އެވެ. (من أتى حائضًا ، أو امرأةً في دُبُرِها ، أو كاهنًا فصدَّقَه فيما يقولُ : فقد كفر بما أُنزِلَ على مُحمدٍ) "ޙައިޟުގައިވާ އަންހެނާގެ -ފަރުޖު ބޭނުންކޮށްފި މީހާ، ނުވަތަ އަންހެނެއްގެ ފުރަގަސް ފަރާތް ބޭނުންކޮށްފި މީހާ ނުވަތަ ކާހިނެއް ކައިރިއަށް އައިސް އެ ކާހިނު ދެއްކި ވާހަކަ ތެދުކޮށްފި މީހާ (ދަންނަ އެވެ.) އޭނާވަނީ مُحمد صَلَّى اللهُ عليه وسلَّمَ ގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުވެފަ އެވެ."
ނޯޓް: މިއީ ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޔަތުގައި ޝާޢިއު ކޮށްފައިވާ ލިޔުމެކެވެ.
މަސްދަރު : އަބޫއަނަސްއެމްވީ.ކޮމް

