ކޮވިޑް19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. މިރޭ ކޮވިޑް ބަލީގައި ނިޔާވެފައިވަނީ ގދ.މަޑަވެއްޔަށް ނިސްބަތްވާ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 84 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ތިނަދޫގައި ގދ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ މިއަދު އިރުއޮއްސި 6:54 ގައި ކަމަށެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 91 އަހަރުގެ އަންހެނަކުވެސް ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.
މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 294 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި 17 ވަނަ މީހާވެސްމެއެވެ.
ރާއްޖޭގައި މިވަގުތު 15211 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 25 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.

