އެފްބީއައި އާއި ގުޅިގެން ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން އައިއެސްގެ މެންބަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ޖެނުއަރީމަހު 6 ވަނަ ދުވަހު ރާއްޖެއިން އައިއެސްގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު މީހާ ވަނީ ޔޫރަޕްގައި ނިރުބަވެރި (ޓެރަރިސްޓް) ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުންމަރަން ގޮވާލާފައި ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ މީނާއަކީ 2015 ވަނަ އަހަރުން ފެށިގެން އައިއެސްގެ ޕްރޮޕެގެންޑާ ފަތުރަމުން އަންނަ މީހެއް ކަމަށެވެ.

