ޔޫކްރެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެގައުމުގެ އިތުމަތީ ބިތުގައި ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފިއެވެ.
ޔޫކްރެއިންގައި ކުއްލި ހާލަތު އިއުލާން ކުރަން އެގައުމުގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރުމުން، އެގައުމުގެ ޕާލިމެންޓުން ވަނީ އެނިންމުމަށް ތާއީދުކޮށް، މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ފާސްކޮށްފައެވެ.
އެގައުމުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އޮލެކްސީ ޑަނިވޮލް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެގައުމުގައި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެގޮތުން ވެހިކަލްތަކާއި ޑޮކިއުމަންޓްތައް ފާސްކުރަން އިތުރު ބާރުތައް ލިބިގެން ދާނެ ކަމަށެވެ.
ޔޫކްރޭނާއި ރަޝިއާގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އިއުލާން ކުރި ކުއްލި ހާލަތު، ފުރަތަމަ 30 ދުވަސް ނިންމުމުން އަނެއްކާވެސް 30 ދުވަހަށް އިތުރުކުރުމަކީ ގާތްކަމެއްކަމަށް ޑަނިލޮވް ވަނީ ވިދާޅުވެފައެވެ.
ޔޫކްރޭން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުން އައި ޑޮނެޓްސްކާއި ލުހަންކްސް އަކީ މިނިވަން ދެ ދަޢުލަތެއްގެ ގޮތުގައި ރަޝިއާއިން ވަނީ ބަލައިގެންފައެވެ. އަދި އެ ދެ ސަރަހައްދަށް ރަޝިއާގެ ސިފައިން ދިއުމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އަމުރުކުރައްވައިފައެވެ.
ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވެފައިވަނީ ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.

