ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން މިއަހަރުގެ އެކި ކުއަޓަރތަކުގައި ޓެންޑަރަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގދ. ގައްދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ޓެންޑަރަށް ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގައްދޫގައި އެޅުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލަކީ ޑޯއިޗަރ ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ. ގައްދޫގެ އިތުރުން ޑޯއިޗަރ ބޭންކުގެ ލޯނުގެ އެހީގައި ލ. ގަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް، މިއަހަރުގެ ދެވަނަ ކުއަޓަރުގައި ޓެންޑަރަށް ލުމަށް ވަނީ ހަމަޖެހިފައެވެ.
ގައްދޫގެ އިތުރުން ތިނަދޫގައިވެސް މިއަހަރުގެ ދެވަނަ ކުއާޓަރގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޓެންޑަރ ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އިއްޔެ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ބޭއްވި ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މީގެ އިތުރުންވެސް ސިއްޚީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ސިއްޚީމަރުކަޒުތައް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި ސިއްޚީމަރުކަޒުތައް
30 އެނދުގެ ހޮސްޕިޓަލްތައް
- ހދ.ހަނިމަދޫ
- ނ.މިލަންދޫ
- ނ.ވެލިދޫ
- އދ.މާމިނގިލި
- ކ.ތުލުސްދޫ
- ވ.ފެލިދޫ
- ތ.ވިލިފުށި
50 އެނދުގެ ހޮސްޕިޓަލްތައް
- އއ.ރަސްދޫ
- ޏ.ފުވައްމުލަކު
100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް
- ގދ. ތިނަދޫ
- ހދ. ކުޅުދުއްފުށި
ކޮންޓްރެކްޓް ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢޫތައް
- ނ.ކެނދިކޮޅުދޫ -30 އެނދުގެ ހޮސްޕިޓަލް
- ހއ. އިހަވަންދޫ- 30 އެނދުގެ ހޮސްޕިޓަލް
- ޅ.ހިންނަވަރު-30 އެނދުގެ ހޮސްޕިޓަލް
- ނ.މަނަދޫ 50 އެނދުގެ ހޮސްޕިޓަލް
30 އެނދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ޓެންޑަރ ކޮށްފައިއެވެ. އަދި 50 އެނދުގެ ހޮސްޕިޓަލް ދެވަނަ ކުއަޓަރގައި ޓެންޑަރަށް ލާނެކަމަށް މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.
އިންޑިއަން އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތައް
- ރ. އަލިފުށި 30 އެނދުގެ ހޮސްޕިޓަލް
- ދ.ކުޑަހުވަދޫ 50 އެނދުގެ ހޮސްޕިޓަލް
- ހއ.ދިއްދޫ 50 އެނދުގެ ހޮސްޕިޓަލް
- ގއ. ވިލިނގިލި 50 އެނދުގެ ހޮސްޕިޓަލް
ވޯލްޑް ބޭންކް ލޯން އެހީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢޫތައް
- ހުޅުމާލޭގައި ޤާއިމް ކުރުމަށް ހަމަޖެހފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް
- ރާއްޖޭގެ އުތުރުގައި ށ. ކޮމަންޑޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް
- ދެކުނުގައި ގދ.ގައްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް
މީގެ އިތުރުން ޔޫރޮޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ނޭޝަނަލް ހެލްތު ލެބޯޓަރީއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ށ.ފުނަދޫގައި 50 އެނދުގެ ހޮސްޕިޓަލްގެ އިތުރަށް ރ.މީދޫއާއި ބ.ތުޅާދޫއާއި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އެޅުމަށްޓަކައި މިއހަރުގެ 2 ވަނަ ކުއަޓަރގައި ޓެންޑަރަށް ލާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ސިއްޙީ މަރުކަޒުތައް އިމާރާތް ކުރާނެ ކޮންޓްރެކްޓަރުން ހޯދާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ޑޮކިއުމަންޓޭޝަންގެ މަސައްކަތްތައް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ހޮސްޕިޓަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ކުރިން ނެތް ޚިދުމަތްތައް ތަޢާރަފްކޮށް އައު ޚިދުމަތްތައްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

