މާލޭގައި ބިދޭސީން ހިންގި މާރާމާރީ ސާބިތުވާ ވަރަށް ފުލުހުންނަށް ތަހުޤީގު ކުރެވިފައި ނެތްކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
އޭއެމްޑީސީ ކައިރީ ހުންނަ ބަންޑާރަ ހޮޓަލުގައި މަހުބޫބް އާލަމް އިންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރުބެލް ހޮސެއިން މަހްބޫބްގެ ގިރުވާނުގައި ހިފާ ދަމާފަ ގެންގޮސް ހަ އިންޗީގެ ވަޅިއަކުން ހަމާލާދީ މަހްބޫބް އާލަމްގެ މެޔަށާއި، ބަނޑަށާއި، އަތަށް ވަޅި ހަރާ ޒަޚަމްކޮށްލިއެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ ރުބެލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ވިދާޅުވެފައެވެ.
2019 ވަނަ އަހަރު ހިންގާފައިވާ މިމާރާމާރީގެ މައްސަލައިގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމުގައި ބުނެފައިވަނީ މިމައްސަލައިގައި ފުލުހުން ތަހުޤީގުން ދައުވާ ލިބޭ ފަރާތަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.
އެ ގޮތުން އެ މާރާމާރީ ހިންގި ވަޅި ފުލުހުންނަށް ލިބިފައިވާއިރު އޭގެން އެއްވެސް ފިންގާޕްރިންޓެއް ލިބުނުކަން ނުވަތަ ނޫން ކަންވެސް އެނގެން ނެތް ކަމަށާއި އެ ވަޅިން ނެގި ޑީއެންއޭ ޕްރޮފައިލް އިން އަނިޔާ ލިބުނު ފަރާތުގެ ޑީއެންއޭ ލިބުނު އިރު، އެ ހަމަލާދިން މީހާއާ ގުޅުންހުރި އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައި ނެތްކަމަށެވެ. އަދި އެދުވަހު ރޮބެލް ލައިގެންހުރީ ހުދު ޓީޝާޓެއް ކަމަށާއި އޭގައި ލޭ ހޭކިފައި ހުރިކަމަށް ދައުލަތުން ބުނި ނަމަވެސް އެޓީޝާޓުވެސް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން އަނިޔާ ދިނީ ދައުވާ ލިބޭ ފަރާތްކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ އެޓީޝާޓު ފެނުނުނަމަ އޭގައި ހުރި ލޭގެ ޑީއެންއޭ ތަހުލީލުކޮށް، އަނިޔާ ލިބުނު ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއެއް ލިބުނު ނަމަ، މި މައްސަލަ ސާބިތުވުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށެވެ.

