މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ގައުމީ ސާފް ލީގު ފުރަތަމަ މުބާރާތް “ކަޅެގަލެކޮޑާ 2022” ފެށުމުގެ ރަސްމިއްޔާތުު މިއަދު ހަވީރު ގ.ދ ގައްދޫގައި އޮންނާނެއެވެ.
މިއަދު ހެދުނު މިމުބާރާތް ފެށިގެން ކުރިޔަށްދާއިރު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.
“ކަޅެގަލެކޮޑާ 2022” މިއަދު ހެނދުނު ގައްދޫގައި ފެށިއިރު، މުބާރާތުގައި ތިން ޑިވިޝަނެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއީ ފިރިހެން އޯޕަން ޑިވިޝަން، ޖޫނިއާ ޑިވިޝަން އަދި އަންހެން ޑިވިޝަންއެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި 37 ސާފަރުން ވާދަކުރެއްވިއިރު، ޖޫނިއާ ޑިވިޝަނުގައި 18 ބައިވެރިން ވާދަކޮށްފައިވެއެވެ. އަދި އަންހެން ޑިވިޝަން ތިން ސާފަރުން (މިދިޔަ އަހަރު ބޭއްވި ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން އާޔާ ނަސީމާއި، އެ މުބާރާތުގައި ވާދަކުރި ރިޝްތާ ސުޖާއުގެ އިތުރުން މުޅިން އަލަށް މުބާރާތެއްގައި ވާދަކުރާ އައިމިނަތު ޝައިޝާ ރަޝީދު) މިމުބާރާތުގައި ވާދަކުރާނެއެވެ.
މިމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގެ އިތުރުން މ.މުލި، ރ.ކިނޮޅަސް، ކ.މާފުށި އަދި ކ.މާލެގައެވެ.
- ގދ.ގައްދޫގައި މުބާރާތް ފަށާފައިވަނީ ފެބްރުއަރީ 24-28
- މ.މުލީގައި މުބާރާތް ފަށާނީ މެއި 10-18 އަށް
- ކޮނޮޅަސް މުބާރާތް ޖުލައި މަހުގެ 5-9 އަށް
- ހިންމަފުށި މުބާރާތް އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ.
- އަދި ފަހު މުބާރާތް ކަމަށްވާ “ރަންނަމާރި ޗެލެންޖް” ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 18-25 އަށް މާލޭގައެވެ.
ގައްދޫއަކީ ސާފިންގެ ދާއިރާގައި ކުރި ހޯދަމުން އަންނަ ރަށެކެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެރަށުގެ ގިނަ ސާފަރުން ދަނީ ވާދަކޮށް ކާމިޔާބު ހޯދަމުންނެވެ. މިވަގުތު ގައުމީ ޓީމްގައި ހިމެނޭ ހަތަރު ސާފަރުންގެ ތެރޭގައި ގައްދޫއަށް ނިސްބަތްވާ ތިން ސާފަރުން ކަމަށްވާ (ހޫދު އަހުމަދު، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ނަޖާހު އަހުމަދު) ހިމެނެއެވެ.
ހޫދުވަނީ އެންމެ ފަހުން އެމްއެސްއޭ އިން ބޭއްވި ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް ކާމިޔާބުކޮށްފައެވެ. އަދި ސްމައިލީ އަކީ 2024 ޕެރިސް އޮލިމްޕިކްސް އަށް ސްކޮލާޝިޕް ލިބިފައިވާ ސާފަރެކެވެ.

