ބޭރުގެ މިލިޓަރީއަށް ރާއްޖެއިން މަރުހަބާ ކިޔާނަމަ ޔުކްރެއިންއަށް ވި ގޮތަށް ވެދާނެ ކަމުގެ ބިރުއޮތްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރި ޓްވީޓެއްގައި ފާހަނގަކޮށްފައިވާ ގޮތުގައި ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައަކީ އެމެރިކާގެ ސަބަބުން މެދުވެރިވި ގޮތެކެވެ. ހަމައެގޮތަށް އެހެން ޤައުމުތަކުގެ މިލިޓަރީއަށް ރާއްޖޭގައި މަރުހަބާ ކިޔާނަމަ ރާއްޖެއަށްވެސް ޔުކްރެއިންއަށް ޖެހުނު ހާލު ޖެހިދާނެ ކަމުގެ ބިރު އޮތްކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ޒައިދު ވިދާޅުވީ މިލިޓަރީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދީ ހެދުމުން އެމެރިކާއިންވަނީ އިސްލާމީ އެތައް ޤައުމެއް ފުނޑާލާފަ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން ރާއްޖެ އިބްރަތެއް ހާސިލް ކުރަން ޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި އެހެންޤައުމުތަކުގެ މިލިޓަރީއަށް ރާއްޖެއިން މަރުހަބާ ނުކިޔުމަށް ގޮވާލިއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ މިޒަމަނަކީ ބޭރުގެ ބާރުތަކުން ކަނޑި ބަޑީގައި ހަނގުރާމަކޮށް ޤައުމުތައް ހިފާ ޒަމާނެއް ނޫންކަމަށް ވިދާޅުވެ ދައްކަވަމުންދާ ވާހަކަތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޔުކްރެއިންއާއި ރަޝިޔާގެ ހަނގުރާމަ ހޫނުވަމުންދާއިރު ދިވެހި ކިޔަވާކުދިން ވަނީ ޔުކްރެއިންގައި ތާށިވެފައެވެ. އެކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

