ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުވެ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވައިފިއެވެ.
އެމަނިކުފާނު ހުވާކުރެއްވުން ކުރިޔަށް ގެންދެވުނީ ފަތިހު 5:50ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ.
ނާއިބްރައީސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ، މަސްއޫލިއްޔަތުގެ ހުވާކުރެއްވުން ވެގެންދަނީ ތާރީޚީ ގޮތުންވެސް ޚާއްސަ ރަސްމިއްޔާތަކަށެވެ. މިއީ ރާއްޖޭގެ ރައީސަކު ވަގުތީގޮތުން ރައިސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސަކާއި ހަވާލުކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން ދުރުވެވަޑައިގެން، އެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރެއްވީ އެމަނިކުފާނު ސާޖަރީއެއް ހައްދަވާތީއެވެ.
އިއްޔެގެ ވަގުތެއްގައި، ރައީސް ޞާލިޙް ވަނީ ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބވަޑައިގެންނެވިއެވެ.
ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.

