ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ޚާއްސަ ޑައިވިން ހަރަކާތް "އޯޝަން 50/6″ ގައި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަޢީމް މިހާތަނަށް މޫދު އަޑީގައި 20 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްފިއެވެ.
"އޯޝަން 50/6″ ޗެލެންޖުގައި 50 ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ފެށި މިދަތުރު ޝަފްރާޒް ފަށާފައިވަނީ އިއްޔެ ހަވީރު 15:30 ގައެވެ. ޝަފްރާޒް ރޭ އެއްކޮށް ހޭދަކޮށްފައިވަނީ 06 މީޓަރު އަޑީގައެވެ. މި އިވެންޓް ކުރިއަށްދަނީ ކ.އަތޮޅު އަނަންތަރާ ދިގު ރިސޯޓުގެ ބޭރުން އޮންނަ ކުޑަގިރީގައެވެ.
ރޭ ޝަފްރާޒު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ވަށައިގެންވާ މާހައުލަކީ ވަރަށް ހިތްފަސޭހަ މާހައުލެއް ނަމަވެސް އޭނާ ހުރީ ވަރަށް ބަރުބަލިވެފައި ކަމަށެވެ. އަދި ރޭ އެއްކޮށް މޫދު އަޑީގައި ހޭދަކޮށްލާ މޫދު އަޑީގައި ނިދުމަކީ އެންމެ ޝައުޤުވެރި ތަޖުރިބާ ކަމަށެވެ.
ޝަފްރާޒްގެ 50 ގަޑިއިރުގެ ޑައިވް ފުރިހަމަ ކުރުމަށްޓަކައި މިރޭވެސް މޫދު އަޑީގައި ހޭދަކުރުމަށްފަހު މައްޗަށް އަރަން ހަމަޖެހިފައިވަނީ މާދަމާ 17:30 ގައެވެ.
ޝަފްރާޒްއަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މިއިންޑަސްޓްރީގައި 27 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.

