ރަޝިއާއިން ފޭސްބުކާ ދެކޮޅަށް ފިޔަވަޅު އެޅިތާ ކުޑައިރުކޮޅެއް ނުވަނީސް ފޭސްބުކުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
ރަޝިޔާއިން ނިންމާފައިވަނީ އެޤައުމުގައި ފޭސްބުކް ބޭނުން ކުރުން ލިމިޓް ކުރުމަށެވެ. އެހެންކަމުން އޭގެ ބަދަލުގައި ފޭސްބުކުން ވަނީ ރަޝީޔާގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ފޭސްބުކް މެދުވެރިކޮށް ރަޝިޔާގެ އެއްވެސް އިޝްތިހާރެއް ނުކުރެވޭ ގޮތް ހެދުމާއި، އާމްދަނީ ހޯދުމަށް ފޭސްބުކް ބޭނުން ނުކުރެވޭ ގޮތަށް ފޭސްބުކް އިން ވަނީ ފިޔަވަޅު އަޅާފައެވެ.
ފޭސްބުކުގެ ސެކިއުރިޓީ ޕޮލިސީ ހެޑް ނެތޭނިއެލް ވިދާޅުވީ ރަޝިއާގެ ޤައުމަކަށް ނިސްބަތްވާ މީޑިއާތަކުން ކުރާ ޕޯސްޓުތަކުގައި އެކަން ލޭބަލްކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ފޭސްބުކުގެ ޕޭރެންޓް ކުންފުނި މެޓާއިން ބުނާގޮތުގައި ރަޝިއާއިން ވަނީ "ފެކްޓް ޗެކް" ކުރުމާއި ރަޝިއާގެ ސްޓޭޓް މީޑިއާތައް ލޭބަލްކުރުން ހުއްޓުވުމަށް އެދިފައެވެ. ނަމަވެސް މެޓާއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު ފޭސްބުކް އިން ދަނީ ޔުކްރެއިންގެ ރައްޔިތުންނަށް ހިމާޔަތް ދެމުންނެވެ. އެގޮތުން ޔޫކްރޭނުގެ ރައްޔިތުންނަށް ޕްރޮފައިލް ލޮކް ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި، އީޔޫ އާއި ޔޫކޭ ފަދަ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

