ގދ ތިނަދު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މިއަދު ފަށައިފިއެވެ.
އެގޮތުން މިއަދު ފަށާފައިވަނީ ތިނަދޫގައި އަލަށް ތަރައްގީ ކުރާ މަގުތަކުގެ ކޭބަލް ޖަންގްޝަން ވަޅުލުމާއި ދުވާރު ހެދުމުގެ މަސައްކަތް ކަމަށް އާރްޑީސީއިން ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 15 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ދަށުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނިގެންދާނެއެވެ.
އަދި މިމަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޒަމާނީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އާރްޑީސީއިން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިމަޝްރޫއުގެ އަގަކީ 78،8000،871.14 ރުފިޔާއެވެ.

