ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ރަންތަކެއް ދައުލަތަށް ނަގައި އެކަން ކުރި އިންޑިއާ ރައްޔިތަކު 60،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިރަންތައް ހިފަހައްޓާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރާއްޖެ އައި އިންޑިއާ ރައްޔިތެއް ކަމަށްވާ ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީންގެ ހަރަކާތްތައް ހުރިގޮތުން އޭނާއާމެދު ޝައްކު އުފެދިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޕެސެންޖާ ކްލިއަރަންސް ސެކްޝަންގައި ހުންނަ ބޮޑީސްކޭން މެޝިނުން އޭނާ ސްކޭން ކުރުމުން އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަން ފާހަގަ ކުރެވިގެންނެވެ.
އެގޮތުން އޭނާ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނާއި ހަވާލު ކުރުމުން އޭނާ ވަނީ އެތަކެތި އޭނާ އަމިއްލައަށް ނަގަން އެއްބަސްވެފައެވެ. އަދި ކަސްޓަމްސްގެ ހެޑް އޮފީހުގެ ފާހާނައަށް ބޮޑުކަމު ދިޔައިރު ބޭރުވި ތިން ބުލެޓުގައި ހުރީ ރަންކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
ދައުލަތުން ވަނީ އޭނާ އަތުން ފެނުން ރަންތައް ކަސްޓަމްސް އަށް ނަގައި ދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ މައްސަލާގައި ކުރިއަށް ދިޔަ ޝަރީއަތްތަކުގައި އިންޑިޔާ މީހާ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިއުތިރާފްވެ، މައްސަލާގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީން މައްޗަށް ކުރާ ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ އަށް އޭނާ އިއުތިރާފްވެފައިވާތީ ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އޭނާ އަތުން ހޯދި ރަން ދައުލަތަށް ނެގުމަށާއި 60،000ރ. އިން ޖޫރިމަނާ ކުރުމަށް އެ ކޯޓުން ހުކުމް ކުރި އެވެ.

