ހުވަދު އަތޮޅު ތިނަދޫގައި ހުންނަ ކުނިކޮށީގެ ސަބަބުން ތިނަދޫގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ދަތި އުނދަގޫ ވާކަމަށާއި، ކައުންސިލުގެ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާކަމަކީ އެކަމަށް ހައްލު ހޯދައިދިނުން ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވީ ރޭ ތިނަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ތިނަދޫ ބަހުން ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ތިނަދޫ ރައީސް ވިދާޅުވީ، ތިނަދޫ ކުނިކޮށްޓަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ބަހައްޓަން ހަމަޖެހިފައިވާ މެޝިން ބެހެއްޓުމާއި، އަދި ކުނި ކޮށި ސަރަހައްދު ރަނގަޅު އިންތިޒާމަކަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ހުއްޓުމެއްނެތި ކައުންސިލުން ކުރިއަށްގެންދާކަމަށެވެ.
ކައުންސިލުން އެއްމެ އިސްކަމެކެ މިދެއްނޫ މިވަގުތު ރަޓުގެ ގިނަޢަދަދެއްގެ ރައްޔަތުންނެ މިރަޓު ކު ނުގޮޑުން ތަޙައްމަލް ކެރަނެ ދަތިއުގެލެ ތަކުން ވީހައިއަސް އަވަހަކަން ހައްލުހޮވައިދިނު މަން. މީބޫ މިރާއްދޭގެ ގިނަ އަދި އާބާދީ ބޮޑެތި ރަށްރަޓުގެސް އަދުގެ ޙާލެ. އިރާދަ ކެރެއްވީފަހޭ މިރަޓުގެ ކުނުގޮޑުގެ ދާއިމީ ޙައްލެއްގެގޮތުން ބާންނަން ހަމަޖިހީގޮހޯވެނެ މި ޒަމާނަން ފެތެނެ ކުނުއަދުވަނެ މެޝިނެކެ ބާހައި ކުނުގޮޑުގެ ސަރަޙައްދާ އިތިއްރަން އިންތިޒާމް ކޮޅައުމުގެ ޕްރޮޖެކްޓް މަސައްކަ ދެ ނުހުއްޓީ ކުރިޔަން އެޔަނެވާހަކަސް މިފުރުޞަތުގައި އުފަލާއެކު ފާހަގަ ކޮށްލަން — ތިނަދޫ ރައީސް
ރައީސް ސަޢުދު ވިދާޅުވީ، ކުނި ނައްތާލާ މެޝިން ބަހައްޓައި ބޭނުން ކުރަން ފެށުމުން، މިހާރު ރައްޔިތުންނަށް ދިމާވާ ވިހަ ދުމުގެ އުނދަގޫ ހުއްޓި ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ތިނަދޫ ކުނިކޮށީގެ ސަބަބުން ތިނަދޫ ރައްޔިތުން ބޮޑު ތަކުލީފެއްގެ ތެރޭގައި އެންމެ އެކަށޭނެ ހައްލެއް ނުލިބި ތިބޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެެވެ. އަދި މިކަމުގެ ސަބަބުން ސިއްޙީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ރައްޔިތުންނަށް ވަނީ އެތަކެއް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.

