ކުރީގެ މިސް ޔޫކްރެއިންގެ ލަޤަބު ހޯދާފައިވާ މަޝްހޫރު މޮޑެލް އެނެސްތޭޝިއާ ލީނާ ގައުމުގެ ދިފާއުގައި އެގައުމުގެ އަސްކަރިއްޔާއާއި ގުޅި ހަތިޔާރު ހިފައިގެން ނުކުމެއްޖެއެވެ.
އެނެސްތޭޝިއާ އެގައުމުގެ އަސްކަރިއްޔާއާއި ގުޅި، ރަޝިޔާ ސިފައިންނާއި ހަނގުރާމަ ކުރުމަށް ނުކުމެފައިވާކަން އޭނާގެ އިންސްޓަގްރާމް ގައި ވަނީ ބުނެފައެވެ. އަދި ހަތިޔާރާއެކު ނަަގާފައިވާ ފޮޓޯ ތަކެއްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.
ޔޫކްރެއިން އަށް ހަމަލާދިނުމުގެ ނިޔަތުގައި ބޯޑަރު ހުރަސްކުރާ ކޮންމެ މީހަކު މަރާލެވޭނެ – އެނެސްތޭޝިއާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އެނެސްތޭޝިއާ އަށް މިސް ޔޫކްރެއިންގެ ލަގަބު ލިބިފައިވަނީ 2015 ވަނަ އަހަރު ބޭއްވި އެގައުމުގެ މިސް ގްރޭންޑް އިންޓަރނޭޝަނަލް ކާމިޔާބުކޮށްގެންނެވެ.
އޭނާ އެގައުމުގެ އަސްކަރިއްޔާއާއި ގުޅި ހަނގުރާމައަށް ނުކުތް ކަން އާންމުކުރުމާއެކު ގިނަ ބަޔަކު ގެންދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.
މީޑިއާތަކުން ބުނާގޮތުގައި ރަޝިޔާއިން ޔޫކްރެއިންގެ ބިންތަކަށް އަރައިގަތުމާ ގުޅިގެން 35،000 އަށްވުރެ ގިނަ އަންހެނުން ވަނީ އެމީހުންގެ ގައުމުގެ އަސްކަރިއްޔާއާއި ގުޅިފައެވެ. ރަޝިޔާއިން ޔޫކްރެއިންއަށް މިހާރު ދެމުންގެންދާ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށް އެގައުމުގެ ގިނަ ބަޔަކު ނުކުމެ މިހާރު ދަނީ ހަނގުރާމައިގެ މައިދާނަށް ނުކުމެ ރަޝިޔާ ސިފައިންނާއި ކުރިމަތިލަމުންނެވެ.

