ގޯތި ލިބި އެބިމުގައި ބޯހިޔާވަހިކަން ނެތް ރައްޔިތުންގެ އަމިއްލަ ގޯތީގައި 137 ރޯހައުސް އަޅައިދެވޭތޯ ގއ ދާންދޫ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
ހުވަދޫ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވްމުން ދާންދޫ ރައީސް މުހައްމަދު އާސިފް މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ ދާންދޫގައި 137 ގޯތި އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް ފަޅު ތަންތަން ގޮތުގައި އެބަހުރި ކަމަށާއި އެބިންތަކުގެ ވެރިން ގޯތިތަކުގައި ދިރިއުޅެން ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވީ އެއްފަހަރާ ބޮޑު ޚަރަދުކޮށް ގެއެއް އެޅުމުގެ މަގު ތަނަވަސް ނުވާތީ ރައްޔިތު މީހާއަށް އެކަން ނުކުރެވި ފަޅަށް އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާކަމަށެވެ.
ދާންދޫ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދާދި ފަހުން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ދާންދޫގެ ފަޅުގޯތިތަކުގައި ބޯހިޔާވަހިކަން ޤާއިމް ކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން 100 އިމާރާތް ރޯހައުސް ގެ ގޮތުގައި ފައިސާ ދައްކާ ނިންމާ ގޮތަށް ހަދައިދިނުމަށް ސަރުކާރުގައި ވަނީ އެދިފައެވެ.
ދާންދޫ ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއާއެކު ބޭއްވި މަޝްވަރާގައި މިކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވުނުކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް އެކަމަށް ޢަމަލީ ސިފައެއް ޖެހިގެން ދިއުން ކަމަށެވެ.
މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. އަމިއްލަ ގޯތި އެބަހުރި ނުކުރެވި ގެން މިއުޅެނީ ބިނާ އެއް. އެހެންވީމާ ސަރުކާރުން ރޯހައުސް އަޅާފަ ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން އެކަން ކުރެވިދާނެ. ސިމްޕަލް – ރައީސް އާސިފް ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް އާސިފް ވިދާޅުވީ ދާންދޫ 137 ރޯހައުސް ރައްޔިތުންގެ އަމިއްލަ ގޯތީގައި އެޅުމަށް ހައުސިންގ މިނިސްޓަރީގައިވެސް މިހާރު ވާނީ ރަސްމީކޮށް އެދިފައިކަމަށާއި އެމަސައްކަތް މަޝްރޫޢު އެއްގެ ގޮތުގައި ކުރިޔަށް ގެންދާނެކަމުގެ ޖަވާބުވެސް ވަނީ މިނިސްޓްރީ އިން ދެއްވާފައި ކަމަށެވެ. އަދި ރައީސް އޮފީހުންވެސް ވަނީ ދާންދޫގައި ގެދޮރުވެރިކަމުގެ މަޝްރޫޢުއެއް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ހައުސިންގ މިނިސްޓަރީގައި ދަންނަވާފައިވާ ރައީސް އާސިފް ވިދާޅުވިއެވެ.
ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ އަކީ 2000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެރަށުގައި 415 ގޯތި ދޫކުރެވި ފައިވާއިރު އޭގެ ތެރެއިން 137 ގޯތީގައި މީހުން ދިރިނުއުޅެއެވެ.

