ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހިމް ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
“ދިޔަރެސް” ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ގާސިމްގެ ރިސޯޓްތަކުގެ ކުލި، ޖޫރިމަނާ އަދި ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 2.6 ބިލިޔަން ރުފިޔާ ދައުލަތަށް ނުދައްކައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ލިސްޓުގައި ގާސިމްގެ ނަން ހިމެނޭކަމަށް އެމީޑީޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އެހެންކަމުން ދިޔަރެސް ނޫހަށް ރައްދު ދެމުން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމް ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި މިފަދަ ޚަބަރުތަކަކީ ޕީޕީއެމްއިން ފަތުރާ ދޮގު ޚަބަރުތައް ކަމަށެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ޕާޓީގެ ލީޑަރުން ކުރާ ކަންތައް ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ.
ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެދެމުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދި ޖުމްހޫރީ ޕާޓީއަށް ތާއީދުނުކުރާކަމަށް ޕީޕީއެމުން ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ހާމަކޮށްފައެވެ.

