ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިލޭ އެހީގެ ދަށުން އަސާސީ ބޭނުންތައް ފުއްދަން ދަތި 3 އާއިލާއަކަށް ފަރުނީޗަރާއެކު ގެ އަޅައިދޭން ނިންމައިފިއެވެ.
ބީއެމްއެލް ހައުސިންގ ގްރާންޓުގެ ދަށުން އަޅައިދޭން ހަމަޖެހިފައިވާ ގެތަކަށް ބޭނުންވާ ފަރުނީޗަރުވެސް ބޭންކުން ދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ވިދާޅުވެފައެވެ.
މިއެހީގެ ދަށުން ގެ އަޅަން ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް، އެ ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފްކުރި މި ސްކީމްގެ ޒަރިއްޔާއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުގެނުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.
ބީއެމްއެލްގެ ހިލޭ އެހީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މާޗް 31 ގެ ކުރިން housinggrant@bml.com.mv އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/housing-grant އިން ލިބެންހުންނާނެއެވެ.
2022 ވަނަ އަހަރު ނޮވެމްބަރ މަހު ފާހަނގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލްއިން ދަނީ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބޭންކުން ތައާރަފްކުރި ހައުސިންގ ގްރާންޓް ސްކީމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް އެ ބޭންކުން ތައާރަފުކުރި ސްކީމެކެވެ.
ބީއެމްއެލްއިން ވިދާޅުވީ މިއީ ނޮވެމްބަރު މަހާ ހަމަޔަށް ހިންގާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ. އަދި ކުރިޔަށް ރޭވިފައިވާ ހަރަކާތްތައް އެކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން:
ނޮވެންބަރު – ބީއެމްއެލް ސްކޮލާޝިޕް ފަންޑު
ޑިސެންބަރު – ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
ޖަނަވަރީ – ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ހިމެނެއެވެ.

