ހަނގުރާމަ ގަދަވެފައިވާ ޔޫކްރައިންއާއި ރަޝިއާއާ ދެމެދު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތައްކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ޔޫކްރައިންއާއި ބެލަރޫސް ބޯޑަރު ސަރަހައްދުގައި ކަމަށް ޔުކްރެއިންގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު އެވްޖެނީ ޔެނީން ވަނީ ކަށަވަރު ކޮށްދެއްވައިފިއެވެ.
މިއަދު ހެދުނުގެ ވަގުތަކަށް ތާވަލްކުރެވިފައިވާ މި ބައްދަލުވުމަކީ ރަޝިޔާ އާއި ޔުކްރެއިނާ ދެމެދު ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ދެޤައުމު ސުލްހަވެރިކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.
މީޑިޔާޓަކުން ރިޕޯޓްކުރާ ގޮތުގައި ޒެލެންސްކީ ވަނީ، ބެލަރޫސްގެ ރައީސް އެލެކްޒޭންޑާ ލުކަޝެންކޯއާ ފޯނުން ގުޅުއްވާ، މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީގެ އޮފީހުން ވަނީ ހާމަކޮށްފައެވެ
ސުލްހައިގެ މަޝްވަރާތަކަށް ޔޫކްރޭނުން އެއްބަސްވީ، އެއްވެސް ކަމެއް ޝަރުތު ކޮށްގެން ނުވާނެ ކަމަށް ލާޒިމު ކުރުމަށް ފަހުގައެވެ. އަދި މަޝްވަރާގެ ވަގުތުގެ އިތުރުން ޔޫކްރައިންގެ ވަފުދުން ދަތުރުކުރާ ވަގުތުތަކުގައި، ބެލަރޫސް ސަރަހައްދުގައި ވައިގެ މަގުން ހަމަލާ ދެވެން ހުރި ހުރިހާ އާލާތެއް ގްރައުންޑް ކުރާނެ ކަމުގެ ޔަގީންކަން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަރިސް ބޭފުޅަކު ކަށަވަރު ކޮށްދެއްވާފައި ވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މަޝްވަރާތައް ކުރިއަށް ދާނެ ސީދާ ގަޑިއެއް ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް މިއަދި ހެދުނުގެ ވަގުތަކަށް ބައްދަލުވުން ތާވަލްކުރެވިފައިވާކަން ޔުކްރެއިނުން ވަނީ ކަށަވަރުކޮށްދީފައެވެ.

