ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އިނގިރޭސި ވިލާތަށްވުރެ ރާއްޖޭގައި ފުޓްބޯޅަ ދަނޑުތައް ގިނަ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒު ގާއިމް ކުރުމުގެ މަސައްކަތުގެ މައުލޫމާތު ހޯއްދަވަން އެ ރަށް ހިމެނޭ ތިމަރަފުށި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ މަހުލޫފް ވަނީ ހާޒިރުކުރައްވާފައެވެ.
މަހުލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ކުރެވުނު މަސައްކަތުން އާބާދީގެ ނިސްބަތުން އިނގިރޭސިވިލާތަށް ވުރެ ރާއްޖޭގެ ފުޓުބޯޅަ ދަނޑުތައް ގިނަ ކުރެވިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ދަނޑުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދިވެސް ގިނަ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ގެންދަން އެބަ އޮތް ކަމަށް މަހުލޫފް ވަނީ ހާމަކޮށްފައެވެ.
ޔޫތު މިނިސްޓަރ މަހުލޫފްއާ ސުވާލުކުރައްވަން ލިބުނު ފުރުސަތުގައި މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ދާއިރާތަކުގެ ފުޓްބޯޅަ ދަނޑުތަކާއި ބެހޭގޮތުން ސުވާލު ކުރައްވާފައެވެ.
“އިނގިރޭސިވިލާތުގައި މި އޮންނަނީ 600 ފުޓުބޯޅަ ޓާފު ދަނޑު، އެއީ 111،000 މީހުނަށް ދަނޑެއް، ރާއްޖޭގައި މިހާރު ވެސް މި ތިން އަހަރު ކުރެވުނު މަސައްކަތުން 11،000 މީހުނަށް ދަނޑެއް އެބަ އޮތް، ފަސް އަހަރު ނިމޭއިރު ހުރިހާ ދަނޑެއް ނިމުމުން 4،000 މީހުނަށް ދަނޑެއް އޮންނާނެ،” މަހްލޫފް ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ކުޅިވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޤައުމެއް ކަމަށާއި ދިވެހިންނަކީ ހާއްސަކޮށް ފުޓްބޯޅަ ފޯރި ގަދަ ބައެއް ކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަކީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

