ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައިވަނީ، އަންނަ މަހުގެ 30 ގެ ނިޔަލަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމެވީ، ރާއްޖޭގައި އަދިވެސް ކޯވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެނުރައްކާ ކުޑަ ކުރުމަށް ޚާއްސަ ފިޔަވަޅު އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުންކަމަށް މި ޤަރާރުގައިވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިޢުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މިހާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވުމަށް ރަށްރަށުގައާއި މާލެ ސަރަޙައްދުގައި އުސޫލުތައް ކަނޑައަޅައި އިދާރާތަކަށް އެންގުމަށް ޑިރެކްޓަރ ޖެނެރަލްއަށް ލާޒިމުކުރެއެވެ.
ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު މަހަކަށް ދަމަހައްޓާފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު އަދިވެސް އޮތީ ރެޑް އެލާޓްގައެވެ. އެގޮތުން ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއިން ރައްކާތެރިވުމުގެ ގޮތުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

