ބެލަރުސްގެ ސިފައިން ޔުކްރެއިނަށް އަރަން ތައްޔާރީތައްވަމުން ގެންދާ ކަމަށް ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާގެ ސިފައިން ޔުކްރެއިނަށް ހަމަލާދިނުމުގައި ބޭނުންކުރަމުން ގެންދަނީ ބެލަރުސްގެ ބިމެވެ. ވޮޝިންޓަން ޕޯސްޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން ރަޝިޔާ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން މިއަދު ބެލަރޫސްގެ ސިފައިން ޔުކްރެއިނަށް ވަންނާނެއެވެ.
ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ ނިންމާފައިވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް އެހީވުމަށްޓަކައި ބެލަރޫސް އިން ފޮނުވާ ލަޝްކަރު އަސްކަރީ މަތިންދާބޯޓުތަކުގައި ދަތުރުކޮށް ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދަކަށް ފައިބާނީ ވައިކުޑައިގައެވެ. އަދި ބެލަރޫސްގެ ވައިކުޑައިގެ ލަޝްކަރުގެ ކުރީގެ ކޮމާންޑަރަކު ވެސް ވަނީ، އަވައްޓެރި ގައުމަކާ ދެކޮޅަށް ހަނގުރާމައެއްގެ ތެރެއަށް ވަންނަންޖެހޭ ފަދަ ޣައިރު ގާނޫނީ އަމުރަކަށް ބެލަރޫސް ސިފައިން ކިޔަމަންނުވުމަށް ގޮވާލައިފައެވެ.
އެލެގްޒެންޑްރާ ލުކަޝެންކޯ ވިދާޅުވަނީ ޔުކްރެއިން ތެރެއިން އަންނަ ހަމަލާގެ ސަބަބުން ބެލަރޫސްގެ ރައްޔިތުންނަށާއި އެސަރަހައްދަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވަނީ ކުރިޔަށް އޮތް 24 ގަޑިއިރަކީ ޔުކްރެއިނަށް ވަރަށް ނުރައްކާތެރި ވަގުތުތަކަކަށް ވެދާނެ ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ގޮތްތަކަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

