އިންޑިއާގެ އެންމެ މަޤްބޫލު ޓީވީ ޝޯވް "ދަ ކަޕިލް ޝަރްމާ ޝޯވް" އަލުން ފަށަން އުޅޭކަން ޝޯވްގެ ހޯސްޓް، ކޮމޭޑިއަން ކަޕިލް ޝަރްމާ ހާމަކޮށްފިއެވެ.
ކަޕިލް ޝަރްމާ ޝޯ އަލުން ފެށުމަށް ތައްޔާރުވާކަން ދޭހަވާ ގޮތަށް ކަޕިލް ސޯޝިއަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާއިރު ކުރީގެ މޫނުތަކާއެކު އާ ފެށުމެއް ކަމަށް ބުނެ ކަޕިލް ޝަރްމާ ޓީމާއެކު ނަގާފައިވާ ފޮޓޯތަކެއް އޭނާ ވަނީ ޕޯސްޓް ކޮށްފައެވެ. ނަމަވެސް ސޮނީގެ މި ޝޯވް ދައްކަންފަށާ ތާރީހެއް އަދި ހާމަކޮށްފަ އެއްނުވެއެވެ.
ކަޕިލް ހިއްސާކުރި ފޮޓޯގައި ޝޯވްގެ އެކި ކެރެކްޓަރ ތަކުންފެންނަ، ކުރުޝްނާ އަބީޝެކާއި، ބާރްތީ ސިންގ އާއި، ކީކޫ ޝާރްދާގެ އިތުރުން ޗަންދަން ޕްރަބާކަރް ފެނިގެންދެއެވެ. މީގެއިތުރުން ޝޯވްއާ އަލަށް ގުޅޭ ސުދޭސް ލެހެރީވެސް ފޮޓޯއިން ފެނިގެންދެއެވެ.
މިދިޔަ ޖެނުއަރީ މަހު ކަޕިލް ޝަރްމާ ވަނީ ކޮވިޑު ޕެންޑެމިކުގެ ސަބަބުންނާއި އޭނާއަށް ލިބުނު ދެވަނަ ދަރިފުޅަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަޕިލް ޝަރްމާ ޝޯ މެދުކަނޑާލައި، ބްރޭކެއް ނަގާ ވާހަކަ އާންމުކޮށްފައެވެ.

