ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ތެރެއިން ފޭކު ވެކްސިން ކާޑު ހަދައިދޭ މައްސަލަ ތަހުގީގުކުރަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭގެ ސިސްޓަމް ބޭނުންކޮށްގެން ހުރިހާ ޕޯޓަލަކާއި ޑާޓާބޭސްއިން ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖެހިކަން ފެންނަ ގޮތަށް އިންތިޒާމުކޮށްދީ ވެކްސިން ކާޑު އަގުނަގައިގެން ހަދައިދެމުންދާކަން މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެފަދަ މައްސަލަތައް ބަލައި އެކަންކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ ތަހުޤީގުކޮށްފައި ނުވެއެވެ.
ފުލުހުން ވިދާޅުވީ އެޗްޕީއޭ ތެރެއިން ފޭކު ވެކްސިންކާޑް ހަދައިދީ މީހުންގެ އަތުން ލާރި ހޯދަމުންދާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.
“ދިޔަރެސް” މީޑިޔާއިން ބުނާ ގޮތުގައި އެޗްޕީއޭ ތެރެއިން ހަދައިދޭ ފޭކް ވެކްސިން ކާޑެއް މިހާރު ވިއްކަމުންދަނީ 1،500 އާއި 2،000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

