ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި މެޑިސިން ކިޔަވަމުން ދިޔަ 15 ދިވެހި ދަރިވަރަކު މިއަދު މާލެ އަތުވެއްޖެއެވެ. އެކުދިން މާލެ އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން ހަވީރު 15:10 ހާއިރުގައެވެ.
ރަޝިއާއިން ހަމަލާދޭނެކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ސަރުކާރުން ގެންދިޔައީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ. އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ޚާރިޖިއްޔާގެ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކެނޑި ނޭޅި ކުރި މަސައްކަތުން އެ ދަރިވަރުން މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ ގޮސްފައެވެ.
އަދި މި މަހުގެ 27 ވަނަ ދުވަހު ހަންގޭރީން ފުރައިގެން ދުބާއީގައި 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެ ދަރިވަރުން މާލެ އައިސްފައިވަނީ މިއަދު ހަވީރު 15:10 ހާއިރުގައެވެ.
އެދަރިވަރުން ބުނީ ޔޫކްރައިނުން ނުކުމެ ހަންގޭރީއަށް ދެވުނު ހިސާބުން ފެށިގެންވެސް ތިބީ ވަރަށް ހިތްހަމަޖެހިގެންކަމަށެވެ. އަދި ރައްކާތެރިކަމާއެކު ރާއްޖެ އާދެވުމުން ވަރަށް ހިތްހަމަޖެހޭކަމަށް އެ ދަރިވަރުން ބުންޏެވެ. އެ ދަރިވަރުން ވަނީ ރާއްޖެއަށް އައުމާ ހަމައަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ރަޝިއާއާއި ޔޫކްރެއިންގެ މަޞްރަހު ގޯސްވެ ހަނގުރާމަ އިޢުލާން ކުރުމާ ގުޅިގެން އެ ޤައުމުގައި ކިޔަވަން ތިބި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަޑިއިރެއްގެ ތެރޭގައި ބޭންކާ ވާހަކަ ދައްކައިގެން އެ ތަނުގައި ތިބި ދަރިވަރުންގެ އެކައުންޓް ލިމިޓްވެސް އިތުރުކޮށްދީފައެވެ. އަދި މިހާރުވެސް އެ ޤައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުްނނެވެ.

