ގއ ދާންދޫ ކައުންސިލަށް ހޯމް ސްޓޭގެ ގޮތުގައި ޓުއަރިސްޓް ގެސްޓްހައުސް ހިންގުމަށް ހުއްދަ ލިބުމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ.
ދާންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކައުންސިލަށް ހޯމްސްޓޭގެ ގޮތުގައި ޓުއަރިސްޓް ގެސްޓްހައުސް ހިންގުމަށް ހުއްދަ ލިބިފައިވުމާއެކު، ގެސްޓްހައުސް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ހާއްސަކުރެވޭ ކޮޓަރިތައް ނުވަތަ ގެތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ގެއަކުން އެންމެ ކޮޓަރިއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި، ކޮންމެ ގެއަކުން ހޯމްސްޓޭގެ ގޮތުގައި ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 5 ކޮޓަރި ކަމަށްވެސް ދާންދޫ ކައުންސިލުން ނެރުނު އިއުލާނުގައި ވިދާޅުވެފައިވެއެވެ.
އެއިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ބޮޑުތަކުން ކުރިއަރަމުން އަންނަ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާ އަދި އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް އާމްދަނީ އިތުރުކުރެވޭނެ އެތައް މަގުތަކެއް ހުޅުވިގެންދާނެ ކަމަކަށްވާއިރު، ހޯމްސްޓޭ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް އޮތް ފުރުސަތެއްގެ ގޮތުގައި މިކަން ބަލައިގަތުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.
އަދި ހޯމްސްޓޭ ގެސްޓް ހައުސް ހިންގުމުގައި، ހަމަޖެހިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިންތަކާއި މިންތަކުގެ ތެރޭގައި މިކަން ކުރަމުން ގެންދިއުމަށް ސަމާލުކަން ދެއްވުމަށްވެސް އެކައުންސިލުން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

