މާދަމާއިން ފެށިގެން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މަސްދަޅުގެ އަގަށް ބަދަލު ގެންނަން ޖެހުނީ ސަރުކާރުން ރޯމަސް ގަންނަ އަގަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމާއި ގުޅިގެންނެވެ.
މިއަހަރުގެ މަޖިލިސް ރަސްމީކޮށް ހުޅުވާލެވުނު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މާރޗްމަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މަސް ގަންނަ އަގު ބޮޑުކުރާނެ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން މިފްކޯއިން މަސް ގަންނަ އަގުވެސް ބޮޑުވެގެން ދާނެއެވެ.
މިފްކޯއިން ބުނާގޮތުގައި އަންދާޒާ ކުރާ ގޮތުން މަސް ގަންނަ އަގަށް އަންނަ ބަދަލާއެކު ކޭހަކުން 60 ރުފިޔާ އަގު ބޮޑުވާނެއެވެ.
މާދަމާއިން ފެށިގެން މަސްދަޅު އަގުބޮޑުވާނެ ވާހަކަ މިފްކޯއިން ބުނުމުން މިފްކޯ މަސްފިހާރަ ކައިރީގައި މަސްދަޅު ކޭސް ގަންނަ މީހުންގެ ކިއު ލައިން ބޮޑުވެގެން ދިޔައެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވެފައި މަސްދަޅުގެ އަގު ބޮޑުކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

