އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 23 މެންބަރުންގެ ވޯޓުންނެވެ. އެހެންނަމަވެސް ތިން މެމްބަރުން ވަނީ އެ މައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.
މިމައްސަލަ ބަހުސްއަށް ހުށަހެޅުމުން ވައްޑެ ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކައިރިވެފައިވަނިކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އާންމު ވަޒީފާތަކުގައި ވެސް ތިބި ބަޔަކު ވަޒީފާއިން ވަކި ކުރުމާއި، ވަކި ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމަކީ ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
ވައްޑެ މިހެން ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ބާރުތަކަކީ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށް ބަޔާންކުރަމުންނެވެ.
މިމައްސަލަ ފެންމަތިވެގެން އައީ ރ. ދުވާފަރުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމަކުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ގޮތަށް ވަޒީފާއިން ވަކިކުރާނަމަ އެމަނިކުފާނު ވެސް މަގާމުން ވަކިކުރެއްވުމަށެވެ.
ވައްޑެއަކީ މި އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ކެމްޕޭން މެނޭޖަރެވެ. ދެން މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންމެ ނުފޫޒުގަދަ ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

