ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުގައި ސިޔާސީ ލީޑަރުންގެ މެދުވައިވާ ކޯޅުން ނެތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ކޯޅުން ބޮޑުވެފައިވަނިކޮށް ޝަރީފް މިހެން ވިދާޅުވެ ވަނީ ޓުވީޓު ކުރަށްވާފައެވެ.
“ގައުމާއި ރައްޔިތުންނަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅުވާނީ ސިޔާސީ ބައިބައިވުންތައް ނެތުމާއި ބާރުގެ ވާދަތަކާއި ކޯޅުންތައް ނެތުން” – ޝަރީފް
މެއި މަހުގެ 6 ވަަނަ ދުވަހު ރައީސް ނަޝީދަށް އަމާޒު ކުރެވުނު ހަމަލާއަށް ފަހު ރައީސް ނަޝީދު ބައެއް ކަންތައް ތަކަށް ބަދަލެއް ގެނައުމަށް ބޭނުންވިއެވެ. މި ކަންކަމަށް ހުރަސް އެޅޭފަދަ ކަމެއް މެދުވެރި ވެއްޖެ ނަމަ ކޯޅުންތައް އިތުރުވެއެވެ.
މިހާރު އުފެދިފައިވާ ކޯޅުންތަކުގެ މައިގަނޑު މައްސަލައަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކުރުމެވެ.
އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން، އެއީ ދީނީ ނަސޭހަތް ދިނުމާއި ޚިޔާލު ފާޅުކުރަން އޮތް ހުރަހެއްގެ ގޮތުގައި ދެކި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ނުރުހުން މި ބިލަށް ވަނީ އަމާޒުވެފައެވެ.
މި ބިލަށް ކޯލިޝަންގެ ދެން ތިބި ޕާޓީ ތަކުންވެސް ވަނީ ދެކޮޅު ހަދާފައެވެ.

