އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ވަޒީފާގެ ބިރުދައްކާ މީހުން ވަޒީފާތަކުން ވަކިކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ މިސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕާޓީއަށް ނިސްބަތްވާ މީހަކު ސިޔާސީ އިސް މަޤާމެއްގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރި ސަބަބު ރައީސް އޮފީހުން މިއަދު ވަނީ ތަފްސީލުކޮށްދީފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ސިޔާސީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ އާމިރު އަހުމަދު ވަޒީފާގެ މަސްއޫލިއްޔަތްތަކާއި ޚިލާފަށް އަމަލުކުރަމުން ގެންދާތީ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް އަމިއްލަ ފަރާތަކުން ވަނީ ރައީސް އޮފީހަށް ހުށަހަޅާފައެވެ. އެހެންކަމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކޮށްލީ ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ވަޒީފާގެ ބިރު ދެއްކުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ މިސަރުކާރުން އަބަދުވެސް ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންތައްތަކެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި، އެ މީހަކު ބޭނުންވާ ފަރާތަކަށް ތާޢީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ޙައްޤަކަށް ވީ ހިނދު، އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތާވަލް ކުރެވި ބަހުސް ވަނީ ފެށިފައެވެ.
ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނާގޮތުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ބާރުތަކަކީ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.

