އަމިއްލަ މަންމައަށް ބިރު ދައްކާ ހަނގާކުރި ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މުހައްމަދު ޒިހުފާން ނަމަކަށް ކިޔާ ފިރިހެނަކު އެތައް ފަހަރެއްގެ މަތިން އޭނަގެ މަންމައަށް ބިރު ދައްކާ ހަނގާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މީގެ ކުރިންވެސް އޭނަގެ މަންމަ އަށް ދުއްތުރާ ނުކުރުމަށް އޭނަގެ މައްޗަށް ވަނީ އަމުރެއް ނެރެފައެވެ. އެހެންނަމަވެސް އެއަމުރާ ޚިލާފުވެ ޒިހުފާން ވަނީ އޭނަގެ މަންމަ ދިރިއުޅޭ ގެއަށް ގޮސް ހަޅޭއްލަވައި، ގާބުރިއަކުން ޖަހައި އެގޭގެ ބިއްލޫރިގަނޑުވެސް ތަޅާލާފައެވެ.
މިމައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޒިހުފާންވަނީ އޭނާގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރާއި ޚިލާފުވީ ކަމަށް އިއުތިރާފްވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުންވަނީ 4 މަހާއި 18 ދުވަހަށް ޒިހުފާން ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ޝަރީއަތުން އެ މައްސަލާގައި ގޮތެއް ކަނޑައަޅުމާއި ހަމައަށް ބަންދުގައި ހުރުމުން ޒިހުފާންގެ މައްޗަށް ހުކުމެއް އިއްވީ ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހުއެވެ.
މިހާރަކަށް އައިސް މައިންބަފައިންނާމެދު އިހުމާލުވެ އެމީހުންނަށް ބިރުދައްކާ ފޭރުމުގެ އިތުރުން އެމީހުން އުމުރުން ދުވަސްވެފައި ތިއްބަސް މަގުމަތީގައި އުޅެން ދޫކުރަމުންދާ މަންޒަރަކީ މަދުން ނަމަވެސް ރާއްޖެއިން ފެންނަމުންދާ މަންޒަރެކެވެ. މިފަދަ މަންޒަރުތައް އަހަރެމެންނަށް ފެނިގެންދަނީ ފިލްމުތަކުންނެވެ. އެހެންނަމަވެސް އަހަރެމެން ދިރިއުޅެމުން އަންނަ މާހައުލުން މިކަހަލަ ނޭދެވޭ އެތައް މަންޒަރުތަކެއް މިއަދު މިދަނީ ފެންނަމުންނެވެ.
އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން މައިންބަފައިން ގެންގޮސް މަރުކަޒުތަކުގައި ބޭތިއްބުމުގެ އާދަ ދިވެހިންގެ ގައިގައިވެސް މަޑުމަޑުން ދަނީ ހަރުލަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

