މަސްވެރިންގެ އަތުން މަސްގަންނަ އަގު މިފްކޯއިން ބޮޑުކޮށްފިއެވެ.
މަސްގަންނަ އަގު ބޮޑުކޮށްފައިވާކަން ހާމަކޮށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަ އަގު، ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން ކިލޯއެއް 17 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އަގަށް އަލަށް ގެނައި ބަދަލާއިއެކު އައިސް އަޅާފައިވާ 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް ގަންނާނީ 17 ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ 16 ރުފިޔާ އަށެވެ. 1.5 ކިލޯއަށް ވުރެ ކުދި އައިސް އެޅި މަސް ގަންނާނީ ނުވަ ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ ހަތް ރުފިޔާ އަށެވެ. މިފްކޯއިން މިހާތަަނަށް 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް އައިސް އަޅާފައި ހުރިނަމަ ގަންނަމުން އައިސްފައިވަނީ ކިލޯއެއް 16 ރުފިޔާއަށެވެ.
އަމްރު ވިދާޅުވީ، މިފްކޯގެ ހަރަދުތައް ކުޑަކުރެވި ހިންގުން ހަރުދަނާ ކުރެވިފައިވާ ކަމަށާއި، ބޭރުގެ މާކެޓްތައް ހޯދި، ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް ވަނީ އިތުރުކުރެވިފައި ކަމަށެވެ.

