1962 ވަަނަ އަހަރު އޭރުގެ ސަރުކާރުން އަނިޔާވެރި ގޮތަކަށް ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ބާއްވާ ތާރީޚްތައް ބަދަލުކޮށްފައިވާ ކަމަށް އޮމްބަޑްސް ޕާސަންގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އޮމްބަޑްސް ޕާސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށްބުނެ، އޮމްބަޑްސް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، އެމައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސް ޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ޕަބްލިކް ހިއަރިންގތައް ބާއްވާ ތާރީޚްތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން، އެމައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 އިން 22 ވަނަ ދުވަހު ތިނަދޫގައާއި، މާރިޗު 27 ވަނަ ދުވަހު މާލެ ސިޓީގައި ކަމަށްވެސް އޮމްބަޑްސް ޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
1959 އިން 1966 އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާ ނުލައި ޕަބްލިކް ހިއަރިންތަކެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ.

