ގއ ކަނޑުހުޅުދޫގައި އެމްބިއުލާންސެއް ނެތިގެން ކޮވިޑް-19 އަށް ފައްސިވެފައިވާ މާބަނޑުމީހަކު ރަށު ޕިކަޕެއްގައި ހަސްފަތާލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫއިން ވާހަކަ ދެއްކި މީހަކުބުނީ އެ ރަށުގައި އަބަދު މަރާމާތު ކުރަން ޖެހިފައިވާ ޙާލަތުގައިވާ ކުޑަ އެމްބިއުލާންސެއް އޮންނަ ކަމަށާއި ގިނަ ދުވަހު އޮންނަނީ އެއްކޮށް ގްރައުންޑް ވެފައި ކަމަށެވެ.
މި ޚަބަރާ ގުޅިގެން ކަނޑުހުޅުދޫ ސިއްޚީ މަރުކަޒުން ޖަވާބެއް ލިބޭތޯ އެ ތަނުގެ މެނޭޖަރަށް ގުޅުމުން ފޯނު ނުނަންގަވާތީ ވަނީ މައުލޫމާތު ނުލިބިފައެވެ.

ހުވަދޫ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބެއް ދެއްވަމުން ކަނޑުހުޅުދޫ ރައީސް ތޯރިޤް އަފީފް ވިދާޅުވީ އެރަށުގައި ބޭނުން ކުރާ އެމްބިއުލާންސް ފާއިތުވި 2 މަސް ތެރޭގައި 4 ފަހަރު މަރާމާތް ކުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި މިދުވަސްކޮޅު އެ އުޅަނދު އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ކައުންސިލަށް ވެސް ލިބެމުންދާ ކަމަށެވެ.
މިވަގުތު އެމަރޖެންސީ ވެގެން މީހަކު ހޮސްޕިޓަލަށް ގެންދާތަން ފެންނަނީ ކޮންމެވެސް ރަށު ޕިކަޕެއް ނޫނީ އެފަދަ އެއްޗެއްގަ އެއީ ވަރަށް ދެރަ ކަމެއް. ކޮންމެ ރަށެއްގައިވެސް އަބަދު މަރާމާތު ކުރަން ނުޖެހޭ ވަރުގެ އެމްބިއުލާންސެއް އޮންނަން މަޖުބޫރު. – ރައީސް ތޯރިޤް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދުވެސް ކޯވިޑް ޖެހިފައިވާ މާބަނޑު އަންހެނަކު ވަރަށް ދަތި އުނދަގޫ ހާލަތުގައި ސިއްހީ މަރުކަޒަށް ގެންދިޔަ ޚަބަރު ލިބުނު ކަމަށާއި އެފަދަ މަންޒަރުތައް ބަލައި އެވާހަކަ އަޑުއަހަން ކެތްނުވާ ކަމަށެވެ.

