މޯލްޓާގައި މާދަމާ އޮނަން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ އެ ގައުމަށް ފުރާވަޑައިގަންވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނުވަނީ މިވާހަކަ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ އެ ދަތުރުފުޅަކީ މޯލްޓާގައި ބާއްވާ ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްގެ ޗެއާމަން އަބްދުލް އަޒީޒް ސައުދު އަލް ބަޓަން އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ލިބިފައިވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ބައްދަލުވުން ނިންމާލުމަށްފަހު އަންނަ އާދީއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނޭ ކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއަށް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްއަކީ ދުނިޔޭގައި ސުލްހަވެރިކަމުގެ ސަގާފަތެއް އަށަގަނުވައި ކުރިޔަށް އަންނަން އޮތް ޖީލުތަކަށް އެ ސަގާފަތުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

