ފެނަކައާއި ގުޅިގެން ފަށާފައިވާ “ހޯމް ސޯލާ” ޕްރޮގްރާމްގެ ދަށުން މިއަހަރު މަދުވެގެން އެއްހާސް ގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް ޚިދުމަތް ދިނުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ކ.ހުރާ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ އެންވަޔަރަމެންޓް މިނިސްރީން ހަކަތައިގެ އެންމެ ބޮޑު ޢަމާޒެއް ހިފާފައިވަނީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެން ނިޒާމުން އުފައްދާ ކަރަންޓު އިތުރުކުރުމަށް ކަމަށެވެ.
އެގޮތުން “ހޯމް ސޯލާ” ޕްރޮގްރާމްގެ ޢަމަޒާކީ، މިއަހަރު އެއްހާސް ގޭގައި އިއާދަކުރުވަނިވި ހަކަތަ އުފައްދާ ޚިދުމަތް ދިނުން ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި 2023 ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރުވަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.
ޝައުނާ ހާމަކުރެއްވި ގޮތުގައި ރާއްޖޭޣެ ބައެއް އަތޮޅުތަކުގައި މިމަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިފަދަ ނިޒާމެއް ޤާއިމުކުރެވިގެންދާއިރު ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކުންފުނީގެ ދައުރު ވަރަށް ފުޅާކަން ފާހަނގަ ކުރައްވަމުން ޝައުނާ ވިދާޅުވަނީ ފެނަކަ އަކީ ރާއްޖޭގައި 150 އަށްވުރެ ގިނަ ރަށަށް ހަކަތަ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.
ރާއްޖޭގެ ގޭގޭގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރަން ފެށުމުން ކަރަންޓް ބިލް %90 އަށް ކުޑަވެގެންދާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ރައްޔިތުންވެސް އިޤްތިސާދުކުރުމަށްޓަކައި އިލެކްޓްރޯނިކް ވަސީލަތްތައް ހޯދާއިރު ކަރަންޓު މަދުންނަގާ ވަސީލަތްތައް ހޯދުމަކީވެސް މުހިންމު ކަމެއްކަމަށާއި ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގައި އާއްމުންނަށް އެހީވުމަށް، އިލެކްޓްރޯނިކް ވަސީލަތްތައް ގަންނައިރު ވަކި ވަކި އުފެއްދުންތަކަށް ކަރަންޓު ހޭދަވާ މިންވަރު ބަޔާންކުރާ ލޭބަލްއެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

