ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތަކަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެމެރިކާ އަދި އެހެނިހެން ގައުމުތަކުން ރައްކާކޮށްފަހުރި އެތައް މިިލިއަން ތެޔޮ ފީފާއެއް ދޫކުރުމަށް ނިންމައިފިއެވެ.
އެގޮތުން އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން، ރިޒާވްކޮފައިވާ 60 މިލިއަނަށްވުރެ ގިނަ ތެޔޮފީފާ ބާޒާރަށް ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ދެބައިކުޅަ އެއްބައި ތެޔޮ އަންނާނީ އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް އިންނެވެ.
ތެޔޮފީފާތައް ރިޒާވް އިން ދޫކޮށްލުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، ނެދަރލޭންޑްސް އަދި ޖަޕާނާއި ދެކުނު ކޮރެޔާވެސް ހިމެނެއެވެ.
އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީން އަންގާރަ ދުވަހު ބުނެފައިވަނީ، ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތެލުގެ އަންނާނެ ގެއްލުމުން ސަލާމަތް ވުމަށް ގައުމުތަކުގެ އިމަރޖެންސީ ރިޒާވްތަކުން ތެޔޮފީފާތައް ދޫކޮށްލުމަށް މެމްބަރު ޤައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.

